މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި، ފާނިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ވެއްދީ އިދިކޮޅު ކޯލިޝަނުން ނެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު މަޖިލީހުން ނިންމި ނިންމުންތަކަކީ ގާނޫނު އަސާސީ އާއި ހިލާފަށް ނިންމި ނިންމުންތަކެއް ކަމަށެވެ.
އެހެންވެ އިދިކޮޅު ކޯލިޝަނުން އުންމީދު ކުރަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ސުޕްރީމް ކޯޓުން ބަލައިދީ ބާތިލް ކަމަށް ކަނޑައަޅައި ދޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ އެ ގާނޫނުގެ 154 ވަނަ މާއްދާ އާއި ހިލާފު އިސްލާހެއް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރެއްގެ މައްސަލަ އުޅޭ ނަމަ ފުރަތަމަ މައްސަލަ ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަމަށެވެ.
އޭގެ ފަހުގައި މަޖިލީހަށް ހުށަހެޅުމަށް ބުނެފައިވެ އެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި މެންބަރުން ވޯޓު ދީގެންނެވެ.
އެންޓި ޑިފެކްޝަން ބިލާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ބުނީ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު އެ ބާރު ސިޔާސީ ޕާޓީއަކަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަް ދިނުމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ކަމެއް ކަމަށް ބުނެފައިވެ އެވެ.
މަޖިލީހުުން މިއަދު ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވުމުން މަގާމު ގެއްލޭނެ އެވެ. އެންޓި ޑިފެކްޝަން ބިލުގައި ވާގޮތުގައި މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.
އެކަމަކު މިނިވަން ކެނޑިޑޭޓަކު ސިޔާސީ ޕާޓީއަކާއި ގުޅިގެން ގޮނޑިއެއް ނުގެއްލޭނެ އެވެ. މަޖިލީހުން މި ބިލަށް އަމަލު ކުރަން ފަށާ ތާރީހު ކަމުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހެވެ.
އެގޮތަށް ފާސް ކުރުމުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑިވެސް މި އިސްލާހު ތަސްދީގުކުރާ ހިސާބުން ގެއްލުނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް