ޗެނަލް 13 އިން ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

ޗެނަލް 13 އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރާ ބެހޭ ކަމަށް ބުނެ އެ މައްސަލަ އެ ޕާޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު...

13 Mar 2018 | 17:06

ޗެނަލް 13 އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރާ ބެހޭ ކަމަށް ބުނެ އެ މައްސަލަ އެ ޕާޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ސޮއި ކުރައްވާ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގާސިމްގެ އަބުރު ގެއްލޭ ގޮތަށް އެ ޗެނަލުން އެކި ޕްރޮގްރާމްތަކާއި އިޝްތިހާރު ދައްކަމުންދާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކަކީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ހިމެނޭ ޕްރޮގްރާމްތަކެއް ކަމަށެވެ.

އަދި މިރޭވެސް "ގާސިމްގެ އަނދިރި ފަރާތް" ގެ ނަމުގައި މިރޭވެސް ޕްރޮގްރާމެއް ދައްކާނެ ކަމަށް ބުނެ އިޝްތިހާރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ އާންމު މިންގަނޑުތަކާ ހިލާފް ކަމެއް ކަމަށްވާތީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ބުނެފައިވަނީ ޗެނަލް 13 ގެ އަމަލުތައް ބްރޯޑްކާސްޓިން ކޮމިޝަނަށް ނުފެންނާތީ ހިތާމަ ކުރާ ކަމަށެވެ.

މީގެ ކުރިން އެ ކޮމިޝަނުން ވަނީ މިބާވަތުގެ މައްސަލަތައް އަމިއްލަ އިސްނެގުމަށް ބަލާފައި އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ނަގާލި ކަމަށް ބުނެ ރާއްޖެ ޓީވީ ދެފަހަރު އަދި ވީމީޑިއާ ވަނީ ޖޫރިމަނާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް