އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުން ފަސްކޮށްފި އެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުހައްމާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފޯނު އަތުލުމަށް ފަހު ހަވާލުކުރި ޗިޓުގައި ބުނެފައިވަނީ މިއަދު މެންދުރު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭ ކަމަށެވެ. އެކަމަކު މިހާރު އެ ޗިޓު ބަދަލުކޮށް މާދަމާ ހެނދުނު 10:30 ށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައި އެވެ.
މުހައްމާގެ މައްޗަށް ފުލުހުން ކުރަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތެވެ. އެގޮތުން އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވެ އެވެ.
މުހައްމާ އިއްޔެ ރޭ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. މުހައްމާގެ އިތުރުން އިދިކޮޅު އެތައް ބަޔަކު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ވައްޓާލުމަށާއި ރިޝްވަތު ހިފުމާއި ހަމަ ނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް