އެންޓި ޑިފެކްޝަން ބިލެއްގެ އަސްލު މަގުސަދަކީ އިންތިޚާބުވާ ޕާޓީނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން މަޖިލީހުގެ ގޮނޑި ގެއްލުމެވެ. ފަހަރައްގެވެސް މީހަކު ނުވަތަ ބަޔެއްގެ ވެރިކަން ގެއްލިދާނެތީ މެމްބަރުންތަކެއް އަތުރާލުމަށްފަހު ވަށައިގެން ފާރެއް ރޭނުމެއް ނޫނެވެ. އެހެނަސް މަޖިލީހުން މިހާރު ފާސްކުރަން އުޅޭ އަސްލު މަގުސަދާއި ދޭތެރޭ ސުވާލު އުފެދެއެވެ.
ފުރަތަމަކަމަކަށް ގާނޫނުތައް ފާސްކުރުމުގެ އަސްލު އާންމު އުސޫލަކީ އެ ބިލެއް ފާސްވުމުގެ ވަމުން ހިނގާ ކަންތައްތަކަށް އަމާޒުވާ ގޮތަށް ފާސްކުރުމެވެ. މިވަރު އެނގެން ގާނޫނީ ދާއިރާއިން ކިޔަވާކަށް ކޮންމެހެން ނުޖެހެއެވެ. އެއީ ވަރަށް ސާފުކަމެކެވެ. އެހެނަސް އެންޓި ޑިފެކްޝަން ބިލުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށް ކޮމިޓީން ނިންމުމުން އެއީ ސުވާލު އުފެދޭކަމެވެ. މި ބިލުގެ އަމާޒަކީ ކަނޑައެޅިގެން ވަކި ބައެއްގެ ގޮނޑި ގެއްލުވާލުންކަމަށް ތުހުމަތުކުރެވިދާނެ ކަމެކެވެ.
ބިލުގެ އަސްލު މަގުސަދަކީ ވެރިކަން ހިމާޔަތް ކުރުންބާ؟
ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރެއް ގާނޫނީގޮތުން ވައްޓާލުމުގެ ބާރު ލިބިފައިވާ އެއްތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް އެކަން އެކި ޖަލްސާތަކުގައި ފާހަގަކުރައްވާފައެވެ. އަދި ކޯލިޝަނުން އިންތިޚާބު ކާމިޔާބުކުރި މި ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީވެސް ޕީޕީއެމް މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެންކަމުގެ ވޯޓުނެގުމަށް މަޖިލީހަށް 42 މެމްބަރަކު ސޮއިކޮށް ހުށަހެޅުމަކީ ސަރުކާރަށް ހަޖުމުވިކަމެއް ނޫނެވެ. އެހެންކަމުން މަޖިލީސް މެމްވަރުން ވަރަކޮށާނުލައި ބައިތިއްބައިފިނަ އޭގެ ނުރައްކާ ސީދާ ވެރިކަމަށް ކޮށްފާނެ ކަމުގެ ބިރުއެބައޮތެވެ. މި ބިލު މިގޮތަށް ފާސްވުމުން ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމަކީ ވަރަށް ނާދިރުކަމަކަށްވާނެއެވެ.
މީ ބިލުގެ ސަބަބުން ހިތި ނަތީޖާތައް ނުކުމެދާނެ
މިސާލަކަށް ވިސްނަމާ ހިނގާށެވެ. އެއްމެ ބޮޑު ދެ ޕާޓީގެ ލީޑަރުން ގައުމުގެ ބޮޑު ބައެއް ވިއްކާލަން ވެގެން އެކަމަށް މަގުފަހި ކުރުމަށް ގާނޫނެއް ހަދަން ބޭނުންވީއެވެ. އެ ދެ ޕާޓީގެ ލީޑަރޝިޕުން އެއްބަސްވެފައި އެ ޕާޓީތަކުގެ މެމްބަރުންނަށް އެންގުމުން އެ މެމްބަރުންނަށް މަޖުބޫރުވާނީ ވޯޓްދޭށެވެ. އެހެންނޫނީ ގޮނޑިގެއްލޭނެއެވެ. އެހެންކަމުން މި ގަނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފައިފިނަމަ އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެސް އާޚިރުގައި ވެދާނެއެވެ. އިސްލާމްދީނާއި ގައުމާއި ރައްޔިތުން އަދި ހުދު އެ މެމްބަރުންގެ ހައްގުގައި ބަސްބުނުމުގެ ހިތްވަރު މެމްބަރުންގެ ހުންނަންޖެހެއެވެ. އަސްވިއްކިއަސް ލަގަން ވިއްކާނުލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް