މިދިޔަ މަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ސުޕާ ސްޓާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރުގެ ފުރަތަމަ ފިލްމު (ދަޅަކް) ގެ ޝޫޓިން ތެރެއިން ފިލްމުގެ މަންޒަރެއް ލީކު ވުމުން މައްސަލަ ހޫނު ވެއްޖެ އެވެ.
ފިލްމުގެ ފުރަތަމަ މަންޒަރު ކަމަށް ބުނެ އެ މަންޒަރު ލީކޮށްލާފައިވަނީ އިންޓަނެޓުގައި އެވެ. އެހެންވެ މިހާރު ފިލްމުގެ ޝޫޓިން ކުރިޔަށް ދާއިރު އަމަލު ކުރަން ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައި އެވެ.
އެގޮތުން އެއްވެސް މީހަކަށް ޝޫޓިން ކުރިޔަށްދާ ސަރަހައްދުގައި ފޯނު ގެންގުޅުން ވަނީ މަނާކޮށްފައި އެވެ. މި ގޮތަށް ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ކައްޓަރު ވެސް ވަނީ އެއްބަސްވެފައި އެވެ.
ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު އަންގާފައިވަނީ ފިލްމުގެ މަސައްކަތްތަކުގައި އެކި ގޮތްގޮތަށް ހަރަކާތްތެރިވާ މީހުން ސެޓަށް ވަނުމުގެ ކުރިން ކަނޑައެޅިފައިވާ ތަނެއްގައި ފޯނު ބޭއްވުމަށެވެ.
ލީކުވެފައިވާ މަންޒަރަކީ މީގެ މަހެއްހާ ދުވަސް ކުރިން ޖައިޕޫރުގައި ޝޫޓް ކޮށްފައިވާ މަންޒަރެކެވެ.
އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ މި ފަދަ ފިޔަވަޅުތައް އެޅޭނީ ސްޓޫޑީއޯގައި ޝޫޓް ކުރާ މަންޒަރުތައް ނަގާއިރު އެކަނި ކަމަށެވެ. އެކަމަކު މަގުމަތީގައި ނުވަތަ މީހުން އުޅޭ ތަންތަނުގައި ޝޫޓް ކުރާއިރު މަންޒަރުތައް ލީކު ނުވާނެހެން އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް