ރޮހިންގާ ފަންޑު ފައިސާ ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން: އިސްލާމިކް މިނިސްޓްރީ

ރޮހިންގާ ފަންޑަށް ލިބުނު ފައިސާއާއި މެދު މިއަދު ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވާއިރު އެ ފައިސާ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނ...

12 Mar 2018 | 20:02

ރޮހިންގާ ފަންޑަށް ލިބުނު ފައިސާއާއި މެދު މިއަދު ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވާއިރު އެ ފައިސާ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައި އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ފައިސާ ފޮނުވުމަށްޓަކައި ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތައް މިހާރު ނިމިފައިވާ ވާހަކަ ދަންނަވާ ކަމަށާއި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މި ފައިސާ ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ރޮހިންގާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރާކަތްތަކަށް ލިބުނު ފައިސާއާމެދު ސުވލު އުފެދޭ ގޮތަށް ބައެއް ނޫސްތަކުގައި ހަބަރު ގެނެސްދީފައިވާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ.

"ރޮހިންގާ ފަންޑަށް ފައިސާ ހޯދުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިމުމަށްފަހު މީޑިއާތަކާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބައެއް ނޫސްތަކުގެ ހަބަރުގައި ރިއާޔަތްކޮށްފައިނުވާކަން ފާހަގަ ކުރެވެ އެވެ. ބައެއް ނޫސްތަކުގައި ހަބަރު ގެނެސްދީފައިވާއިރު ފޮރިން މިނިސްޓްރީއާ ހަވާލާ ދެއްވާފައިވާ ދެއްވުން އެ މިނިސްޓްރީން ދޮގުކުރުއްވާފައިވާތީ އެކަންވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ވަނީ އެ މިނިސްޓްރީނ ރޮހިންގާ ފަންޑާގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އެއްވެސް މީޑިއާއަކާ ހިއްސާ ނުކުރައްވާ ކަމަށް މައުލޫމާތު ދެއްވާފައެވެ"އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ގާއިމު ކުރެވުނު ފަންޑަށް ލިބުނީ 18.1 މިލިޔަން ދިވެހި ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ފަންޑަށް ލިބުނު ފައިސާއާއި އެކިއެކި ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުން ފަންޑަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ފައިސާވެސް ހިމެނޭ ކަމަށާއި އެކިއެކި ފަރާތްތަކުން ވައުދުވެވަޑައިގެންނެވި ފައިސާ ހޯދައި ފަންޑަށް ޖަމާކުރުމަށް ދިގުމުއްދަތެއް ވަންދެން މަސައްކަތް ކުރަން ޖެހުނުކަން ފާހަގަ ކުރާކަމުގައިވެސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ގާއިމް ކުރި ފަންޑަށް ލިބުނު ފައިސާއާބެހޭ މައުލޫމާތު ރާއްޖޭގެ މީޑިއާތަކަށް ހިއްސާ ކުރުމަށްޓަކައި 07 ނޮވެމްބަރު 2017 ގައި ވާނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައި ކަމަށާއި މި ޕްރެސް ކޮންފަރެންސްގައި މަތީގައި ދެންނެވުނު މައުލޫމާތު ތަފްސީލު ވާނީ ބަޔާންކޮށްދީފައި ކަމަށެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ގާއިމް ކުރި ފަންޑަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދެންނެވުމާއެކު މި ފައިސާ އޭގެ ހައްގުވެރި ފަރާތަށް ފޯރުކޮށްދެވުނުކަން ސަރުކާރުގެ ފަރާތުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީގެ ބަޔާނުގައި އަރުވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް