ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރުގެ މިނިސްޓްރީތަކަށް ދެމުންދާ ހިދުމަތްތަކާއި މެދު ހިތްހަމަ ނުޖެހި މިނިސްޓަރުން ކަންބޮޑުވުން ފާޅު ކުރުމުން ދިމާވެފައިވާ ގޮން ޖެހުންތައް ބުނެދީ ޖަވާބުދާރީވުމުގެ ފުރުސަތަކަށް ސީއެސްސީން އެދިއްޖެ އެވެ.
ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސީއެސްސީން މިނިސްޓްރީތަކަށް ފޮރުކޮށްދޭ ހިދުމަތްތަކާއި މެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށް މިނިސްޓަރުން ފާހަގަ ކުރެއްވި މައްސަލަތަކާއި މެދު އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. ސީއެސްސީން ބުނީ ވަޒީރުން އެ ފާހަގަ ކުރެއްވި ކަންކަމުގެ ހަގީގަތް ދެނެގަނެ ޖަވާބުދާރީ ވާން ބޭނުންވާ ކަމަށެވެ.
އެހެންވެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ބުނެފައިވެ އެވެ. މިނިސްޓްރީތަކުގައި ހުރި ކަންބޮޑުވުންތަކާއި، އެކަންކަމުގައި ކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވަޒީރުންނާއި ބައްދަލު ކުރަން ބޭނުންވާތީ އެ ފުރުސަތު ހަމަޖައްސަވައިދެއްވުމަށް ހުރިހާ ވުޒާރާތަކެއްގައި އެދިފައިވާނެ ކަމަށް ސީއެސްސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ބޭނުންވާވަރަށް މުވައްޒަފުން ހޯދައިނުދެވުމާއި، މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު މުސާރައާއި އިނާޔަތްތައް އެކަށީގެން ނުވުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން މުވައްޒަފުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމުން ދެމެހެއްޓުމަށް އުނދަގޫވަކަމަށް ބުނެފައިވެ އެވެ.
ކޮމިޝަނުން ބުނީ އެހުރިހާ ގޮންޖެހުންތަކާއި އެކުވެސް މަސައްކަތް ކުރަމުންދަނީ ސިވިލް ސާވިސް ގާނޫނުން ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އަވަސް އަދި ހަލުވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް