އާ ސީޕްލޭން ޓާމިނަލް ވަކި ކުންފުންޏަކަށް ފައިދާ ވާގޮތަށް ދޭން މަސައްކަތް ކުރާ މައްސަލަ އެންޓީ ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައ،ި ޖިނާއީ ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ ތަހުގީގު ފަށައިފި އެވެ.
އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލް ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ވަރަށް ކުޑަ އަގެއްގައި ދޭން އުޅުނު ޓީއެމްއޭ އާއި މަންތާ އެއާގެ ކުންފުނީގެ ވެރިންނާއި ގުޅުން ހުރި ބޭފުޅުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑުގައި ހިމެނިވަޑައިގެންނަވާ ކަމަށެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑުގެ މިހާރާއި ކުރީގެ ބައެއް މެންބަރުންނާއި އެ ކުންފުނިތަކާއި ވިޔަފާރިގެ ގޮތުންނާއި އާއިލީ ގޮތުން ގުޅުން ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭސީސީން ބުނީ28 ނޮވެމްބަރު2017 ގައި ސީޕްލޭން ޓާމިނަލްގެ އަކަފޫޓެއް 10.35 އެމެރިކާ ޑޮލަރަށް އަމިއްލަ ދެ ކުންފުންޏަށް ފައިދާވާ ގޮތަށް ދޭން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާ ކޮށްފައިވަނީ ވަކި ފަރާތަކަށް ޖެހިގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ.
އެހެންވެ އޭސީސީން ވަނީ އެ ކޮމިޝަނަށް ފާހަގަވެފައި ހުރި ކަންކަން އިސްލާހު ކުރުމަށް އެމްއޭސީއެލްއަށް އަންގާފަ އެވެ.
މީގެ އިތުރުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައި ކަމަށް ބުނެ އެވެ.
އޭސީސީން ބުނީ ޓީއެމްއޭއާއެކު މަޝްވަރާ ކުރެވުނު ގޮތަށް އެއްބަސްވުން އެކުލަވާލާ އެ ކުންފުންޏަށް ސީޕްލޭން ޓާމިނަލް ހިންގަން ދީފި ނަމަ އެމްއޭސީއެލްއަށް ގެއްލުން ވާނެ ކަމަށެވެ. އެކަމަކު އެ މަޝްވަރާ އާއި އެއްގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަން އޭސީސީން ފާހަގަ ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް