ސަރުކާރު އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެ ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ދެނެގެންނަން އޮޑިޓެއް ހަދައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުން ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ކައުންޓަރު މެދުވެރިކޮށް ހިދުމަތްދޭ54 އިދާރާއެއްގައި މި އޮޑިޓް ހަދާފައިވާ ކަމަށެވެ. އެއީ މާލޭގައި ހުރި ސަރުކާރު އޮފީސްތަކެވެ.
އެ އޮޑިޓްގައި ބެލިކަންކަމުގެ ތެރޭގައި ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެފައިވެ އެވެ. އަދި އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބަލާފައިވެ އެވެ.
ރައިސް އޮފީހުން ބުނީ އޮޑިޓްގައި ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ވަޒީރުންގެ މަޖިލީހާއި އެ އޮފީހުން ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ މި ކަމުގަަ ވަޒީރުންގެ ހިޔާލުފުޅުތައް މިހާރު ލިބިފައިވާއިރު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން މިހާރު ގެންދަނީ ކުރައްވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް