ވިލިމާލޭގައި24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ދެ ސަރަހައްދެއްގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުތަކަކީ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދާއި ވާރު ހިނގުން މަހުގައި އެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި ކުރާތަނެއް ނަމަ ރީއްޗަށް އެތެރެ ފެންނަން ހުންނަ ތަންތަނަށް ވާންޖެހެއެވެ. އަދި އެތަނުގައި 24 ގަޑިއިރުވެސް މަސައްކަތްކުރާ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަން ޖެހެއެވެ. ސައިހޮޓަލެއް ނަމަ މެންދަމު 1:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުގައި ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާ ތަކެތި ކަމަށެވެ. އަދި 24 ގަޑިއިރަށް ވިޔަފާރިކުރާ ތަންތަނުން ނަމާދު ވަގުތުތައް ފިހާރަ ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައިވެސް ވިޔަފާރިކުރަން އަންނަ މީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންޖެހެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ29 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް