ޓީއެމްއޭއިން އެދޭގޮތަށް ސީޕްލޭން ޓާމިނަލް ދީ، އެހެންނޫނީ ބަދަލު ދޭން ޖެހިދާނެ: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްއިން ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދޭނެ ކަމަށް ކުރީ ސަރުކާރުން އެއްބަސްވެފައި އޮތް ވަރަށް ޖާގަ ދިނުމަކީ މި މައްސަލައިގެ ހައްލު ކަމަށް...

13 Feb 2020 | 05:15

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްއިން ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދޭނެ ކަމަށް ކުރީ ސަރުކާރުން އެއްބަސްވެފައި އޮތް ވަރަށް ޖާގަ ދިނުމަކީ މި މައްސަލައިގެ ހައްލު ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓުވީޓެއް ކުރައްވައިފި އެވެ.

ނަޝީދު ވިދާޅުވީ ޓީއެމްއާއި އެކު ސީޕްލޭން ޓާމިނަލްގެ މުއާމަލާތްތައް ހިންގާފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. ނަޝީދު ވިދާޅުވީ ރަނގަޅުވާނީ ސަރުކާރާއި ޓީއެމްއޭއަށް ފައިދާ ހުރި އެއްބަސްވުމަކައިގެން ކުރިޔަށް ދިޔުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ނޫންނަމަ އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އާ ރަންވޭ ހުޅުވުންވެސް މި މައްސަލަ ގަނޑުގެ ތެރޭގައި ލަސްވާނީ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި މައްސަލައިގަ ޒިންމާ ނަގަން ޖެހޭ މީހުންނައި ގޯސް ހެދި މީހުން ހޯދާ އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށެވެ.

https://twitter.com/MohamedNasheed/status/1227792123166019585

އާ ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއަށް ދޭން އުޅޭކަމަށް ބުނެ އަޑު ފެތުރުމުން އެމްއޭސީއެލްއިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ފަހުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އާ ސީޕްލޭން ޓާމިނަލުން ކުންފުނިތަކަށް ޖާގަދޭގޮތުގެ މައުލޫމާތު އާންމުކޮށްފައި އެވެ. އޭގައި ބުނެފައިވާގޮތުގައި ޓީއެމްއޭއަށް ދޭން ނިންމާފައިވަނީ5،000 އަކަމީޓަރުގެ ޖާގައެއް ދެ އަހަރު ދުވަހަށެވެ.

އެކަމާ ގުޅިގެން ޓީއެމްއޭއިން ވަނީ އެއީ އެ ކުންފުންޏާއި އެކު އެމްއޭސީއެލްގެ ބޯޑުން2017 ވަނަ އަހަރު އެއްބަސްވެފައިވާގޮތް ނޫންކަމަށް ބުނެފަ އެވެ. އެ ކުންފުނިން ބުނީ އެމްއޭސީއެލްއިން އެ އަހަރު ފޮނުވި ސިޓީއެއްގައި އެ ކުންފުންޏަށް އާ ސީޕްލޭޏް ޓާމިނަލުން31،000 އަކަމީޓާރު ދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ބެއިން ހިމެނޭ ކޮންސޯޓިއަމުން އިންވެސްޓްމަންޓް ގަތީ އެމްއޭސީއެލުން ދިން ސިޓީގައި އޮތް ޔަގީންކަމުގެ މައްޗަށް އިތުބާރުކޮށް ކަމަށް، އޭރުގެ ސަރުކާރަށް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

އެ "އެއްބަސްވުން" ދޫކޮށްލަން ސަރުކާރުން ނިންމައިފި ނަމަ، ޓީއެމްއޭ އިން ބުނީ، ބޮޑު ގެއްލުމެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ކަންބޮޑުވާނެ ކަމަށެވެ.

މި އެއްބަސްވުމާއި އެއްގޮތަށް ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ހިންގަން ދޭން އޭސީސީއާ އޮޑިޓާ ޖެނެރަލްވެސް ދެކޮޅު ހައްދަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް