ސަރުކާރަށް ތާއީދުކުރާ އެކައުންޓްތައް ސަސްޕެންޑް ވީ މިހެންވެ ކަމަށް ވެދާނެ !

ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްވިޓާ" މިއަދު ވެފައިމިވަނީ ހަބަރު ފެތުރުމާއި ހަބަރު ލިބިގަތުމުގެ އެންމެ އަވަސް އެއް މަސްދަރަށެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ބޭރުގެ މީޑިއާ...

13 Feb 2018 | 15:40

ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްވިޓާ" މިއަދު ވެފައިމިވަނީ ހަބަރު ފެތުރުމާއި ހަބަރު ލިބިގަތުމުގެ އެންމެ އަވަސް އެއް މަސްދަރަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ބޭރުގެ މީޑިއާތަކުންނާއި ޑިޕްލޮމެޓުންނާއި އަދި ރާއްޖޭގެ މަސްރަހާއިމެދު ކަންބޮޑުވާ އެންމެންފަދަގޮތަކަށް ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓްސް ބަލަމުން ދަނީ ޓްވިޓާއިން ކަމުގައި ބެލެވޭއިރު މިއަދު މިވަނީ ތަފާތު ކަމެއް ހިނގައިފައެވެ. އެއީ ސަރުކާރަށް ތާއީދު ކުރާ ގިނަ އެކައުންޓްތަކެއް ޓްވިޓާއިން ސަސްޕެންޑް ކޮށްލުމެވެ.

މިކަމުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އަވަށްޓެރި އިންޑިއާ އަށެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މިރޭ ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވާގޮތުގައި "ރާއްޖެއަށް މިވަނީ ވަރުގަދަ ސައިބަރ އެޓޭކެއް ދީފައި އެވެ. މިކަން ކުރި ކަމަށް ބެލެވެނީ އިންޑިއާއިންނެވެ. އިންޑިއާއަކީ ޖުޑީޝަލް ބަގާވާތަށް ތަރުހީބުކުރާ ގައުމެކެވެ".

ނަމަވެސް މިއަދު މެންދުރުއްސުރެ ދުވަހުގެ ނޫސްވެރިންނަށް ތަފާތު އެހެންކަމެއް ފެނިފައި ވެ އެވެ. އެއީ ލަންކާގެ ސިވިކް މީޑިއާއެއްކަމުގައިވާ "ގްރައުންޑް ވިއުސް: އިން ކޮށްފައިވާ ޓްވީޓްތަކެކެވެ.

އެންމެ ފުރަތަމަ މިއަދު މެންދުރު 12:51ގައި ގްރައުންޑް ވިއު އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރަށް ތާއީދުކުރާ ޓްވިޓާ އެކައުންޓަކުން "މޯލްޑިވިސްއިންކްރައިސްސް" މި ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ރީތި މަންޒަރުތަކާއި ގޮނޑުދޮއްތަކާއި ހޮޓާ ރިސޯޓްތަކުގެ ފޮޓޯ ޓްވީޓް ކުރަމުން އަންނަ ކަމަށެވެ. މި އަމަލަކީ ރާއްޖޭގެ ހާލަތު ބޭރުދުނިޔެއަށް ނޭނގުމުގެ ބޭނުމުގައި "ފްލަޑް" ކުރަނީ ކަމުގައި ގްރައުންޑް ވިއު އިން ތުހުމަތު ކޮށްފައި ވެ އެވެ.

އޭގެ ފަހުން 1:32 ގައި އިތުރު ޓްވީޓެއް ގްރައުންޑް ވިއު އިން ކޮށްފައި ވެ އެވެ. އެ ޓްވީޓްގައި ސަރުކާރަށް ތާއީދުކުރާ ފަސް މީހެއްގެ ޓްވިޓާ އެކައުންޓްގެ ސްކްރީންޝޮޓް ލުމަށްފަހު ބުނެފައިވަނީ ހަމަ އެ ހޭޝްޓެގް ބޭނުންކޮށްގެން އެ އެންމެން "ފްލަޑް" ކުރަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން ހަވީރު 4:30ގައި ވެސް ހަމަ އެ ބީދައިން ގްރައުންޑްވިއު އިން ޓްވީޓެއް ކޮށްފައި ވެ އެވެ.

ގްރައުންޑް ވިއު ޓްވިޓާ އެކައުންޓަކީ އެ އެކައުންޓްގައި ލައްކައަކާއި ގާތްކުރާ އަދަދަކަށް ފޮލޯވާސް ތިބި އަދި ވެރިފައިޑް އެކައުންޓެއް ކަމުގައިވާއިރު މިއަދު ރާއްޖޭގެ ސަރުކާރަށް ތާއީދުކުރާ އެކައުންޓްތައް ސަސްޕެންޑް ކުރުވުމުގައި ގްރައުންޑް ވިއުގެ އަތެއް ވުންވެސް އެކަށީގެން ވެ އެވެ.

އިއްތިފާގަކީ ގްރައުންޑް ވިއު އިން ބުނެފައިވާ އެކައުންޓްތަކުން މިއަދު މެންދުރު ފަހު މެދުކެނޑުމެއް ނެތި އެ ބުނާ ހޭޝްޓެގެއް ބޭނުންކޮށް ޓްވީޓްތައް ކުރަމުން ދިޔަކަމާއި ގްރައުންޑް ވިއު އިން ބުނެފައި އެވާ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވުމެވެ. އެހެންކަމުން މި އެކައުންޓްތައް ސަސްޕެންޑް ވުމުގައި އިންޑިއާގެ ސައިބަރ އެޓޭކަކަށްވުމަށްވުރެ ގާތީ ގްރައުންޑް ވިއު އާއި ގިނަ އެކައުންޓްތަކަކުން، ސަރުކާރަށް ތާއީދުކުރާ އެކައުންޓްތައް ރިޕޯޓް ކުރުން ކަމުގައި ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް