ޗެމްޕިއަންސް ލީގު ދެ ވަނަ ބުރު: ޓީމުތައް މި ވަގުތު އޮތް ހާލަތަށް ބަލައި ރޭންކް ކޮށްފައި.

ކްލަބް ފުޓްބޯޅައިގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް މިރޭ ފެށޭނެއެވެ. މި ބަލައިލަނީ ދެ ވަނަ ބުރުގައި ވާދަކުރާ ސޯޅަ ޓީމު މި ވަގުތު އޮތް ހާލަތަށ...

13 Feb 2018 | 15:24

ކްލަބް ފުޓްބޯޅައިގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް މިރޭ ފެށޭނެއެވެ. މި ބަލައިލަނީ ދެ ވަނަ ބުރުގައި ވާދަކުރާ ސޯޅަ ޓީމު މި ވަގުތު އޮތް ހާލަތަށް ނުވަތަ ފޯމަށެވެ. ނަތީޖާތައް އަޅާކިޔުމުގައި ކޮންމެ ޓީމެއް ވެސް އެންމެ ފަހުން ކުޅުނު 10 މެޗުގެ ނަތީޖާއަށް ވެސް ބަލާލާފައިވާނެއެވެ.

  1. ރޯމާ

ރޯމާއަށް އެންމެފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 12 ޕޮއިންޓެވެ. އިޓަލީގެ ރޯމާ ދެ ވަނަ ބުރުގައި ވާދަކުރާނީ ޔޫކުރެއިންގެ ޝަކްތާ ޑޮނެސްޓްކް އާއެވެ.

މި ސީޒަން ވަރުގަދަކޮށް ފެށި ރޯމާއަށް މި ފަހަކަށް އަހިސް ރަނގަޅު ނަތީޖާތައް ނެރެވޭގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން އެ ޓީމުގެ ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެވިފައި ވަނީ އެންމެ 3 މެޗުންނެވެ. ނަތީޖާއެއްގެ ގޮތުން ލީގު ތާވަލުގެ 4 ވަނައަށް ވެއްޓި، އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އޮތުމާއެކު ލީގަށް ވާދަކުރުމުގެ ރޭހުން އެ ޓީމު ވަނީ ގާތްގަނޑަކަށް ބޭރުވެފައެވެ.

ޝަކްތާގެ މައްޗަށް ރޯމާއަށް ކާމިޔާބު ހޯދެން ވާނެކަމަށް ބެލެވުނަސް، އަދި އެ ޓީމުގެ ތަރި އެޑިން ޖެކޯ ޗެލްސީއަށް ބަދަލު ނުވެ މަޑުކޮށްފައި ވީ ނަމަވެސް، މި ވަގުތު ރޯމާ އޮތް ހާލަތުން، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ޗެލްސީ ކޮޅަށް 6 ލަނޑު ޖެހި ރޯމާ ޓީމުގެ ފެންވަރާ ގާތްކުރާފަދަ ފެންވަރެއް ވެސް މި ވަގުތު އެ ޓީމުގައި ނެތެވެ.

  1. ޗެލްސީ

ޗެލްސީއަށް އެންމެފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 13 ޕޮއިންޓެވެ. އިނގިރޭސި ގަދަބާރެއްގެ ގޮތުގައި ބަލާ ޗެލްސީ ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ވާދަކުރާނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާއާއެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ޗެލްސީ މި ވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށް ބުނެވޭކަށް ނެތެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެންމެ 3 މޮޅު ހޯދުނުއިރު (ރިޕޯޓް ލިޔުނުއިރު ވެސްޓް ބްރޯމް އާ ދެކޮޅަށް ނުކުޅޭ) 4 މެޗުން އެއްވަރުވެ 3 މެޗުން ވަނީ ބަލިވެފައެވެ. ޗެލްސީ މި ވަގުތު ތާވަލުގެ 4 ވަނައިގައި އޮތް ނަމަވެސް 5 ވަނައިގައި އޮތް ޓޮޓެންހަމްގެ މައްޗަށް އެންމެ ޕޮއިންޓެއްގެ ލީޑު އޮތުމުން އިނގިރޭސި ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ވެސް ކުރަން ޖެހިފައިވަނީ އުނދަގޫ ހަނގުރާމައެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ މައްޗަށް ކުރި ނުހޯދިއްޖެނަމަ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް މަގާމު ގެއްލުމުގެ ބިރު ބޮޑެވެ. އަނެއްކޮޅުން ފާއިތު ޓްރާންސްފާ މާކެޓްގައި ޗެލްސީއަށް ނާކާމިޔާބީއާ ކުރިމަތިވިއިރު މި ވަގުތު އޮތް ފޯމުން، ބާސެލޯނާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ.

  1. ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 18 ޕޮއިންޓެވެ. ސްޕެއިންގެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ނުކުންނާނީ ފްރާންސްގެ ޕީއެސްޖީ އާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން 2 އަހަރުގެ ވެސް ޗެމްޕިއަނުންނަށް މި ސީޒަން މިހާތަނަށް ވެފައިވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކަށެވެ. ސްޕެނިޝް ލީގު ތާވަލުގެ 4 ވަނައިގައި އެ ޓީމު އޮތްއިރު، އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް (އެއް މެޗު މަދުން ކުޅެފައި) އެބައޮތެވެ. އަނެއްކޮޅުން ސްޕެނިޝް ކަޕުން ވެސް ވަނީ ކަޓާފައެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން ރެއާލް މެޑްރިޑަށް ހޯދުނީ 5 މޮޅެވެ. 3 މެޗުން އެއްވަރު ވިއިރު، 2 މެޗުން ވަނީ ބަލި ވެސް ވެފައެވެ. އަނެއްކޮޅުން ބޮޑު އަގުގައި ހޯދި ނޭމާ އާއި އެމްބާޕޭއާއެކު ޓީމު ވަރުގަދަ ކޮށްފައިވާ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު، މި ސީޒަންގައި ކާމިޔާބީއެއް ލިބިގަންނަން ބޭނުންނަމަ ޕީއެސްޖީ ބަލިކުރުން ރެއާލް މެޑްރިޑަށް މަޖުބޫރެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް ޑިފެންސް ބަލިކަށިކޮށް ފެނިފައިވުމާއެކު ޕީއެސްޖީގެ ވަރުގަދަ އެޓޭކިންގ ހުއްޓުވޭނެތޯ ސުވާލު އުފެދެއެވެ.

=12. ޝަކްތާ ޑޮނެސްޓްކް

ޔޫކުރެއިންގެ ޝަކްތާ ޑޮނެސްޓްކް އަށް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 19 ޕޮއިންޓެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ އިޓަލީގެ ރޯމާއާއެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 6 މޮޅު ހޯދާ، 1 މެޗު އެއްވަރު ކޮށްފައިއޮތް ޝަކްތާ މި ވަގުތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނެވިދާނެއެވެ. އެ ޓީމު ޔޫކުރޭނިއަން ލީގުގެ އެއް ވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ވަރުގަދަ މެންޗެސްޓާ ސިޓީ އާއި ނަޕޯލީއާ ދެކޮޅަށް ހޯދި ކާމިޔާބީގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. ފިނި މޫސުމުގައި ބޮޑު ޗުއްޓީއެއް ލިބުމުގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތަސް، ޝަކްތާ އިން ރޯމާގެ މައްޗަށް ކުރި ހޯދާނެކަމަށް ބެލެވެއެވެ.

=12. ބަސެލް

ސްވިޒަލޭންޑްގެ ބަސެލް އަށް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 19 ޕޮއިންޓެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ވަރުގަދަ މެންޗެސްޓާ ސިޓީއާއެވެ.

ސްވިސް ސްޕަރ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 3 މެޗުން ބަލިވެފައިވާ ބަސެލް މި ވަގުތު އޮތީ ތާވަލުގެ 2 ވަނައިގައެވެ.

އެ ޓީމުގެ އެންމެ މުހިންމު 2 ކުޅުންތެރިން ކަމަށްވާ ރެނާޓޯ ސްޓެފަން އާއި މެނުއަލް އަކާންޖީ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓީމު ދޫކޮށްލާފައިވާއިރު، އިނގިރޭސިންގެ ގަދަ ބާރު އަދި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޔޫރަޕްގެ އެއް ޓީމުކަމަށްވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ޓީމަށް ކާމިޔާބީއެއް ހޯދުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވުން ވެސް ބަސެލް ޓީމުން ދެކެނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

=10. މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސިންގެ ގަދަބާރު މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 20 ޕޮއިންޓެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ނުކުންނާނީ ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން 6 މޮޅު ހޯދާފައިވާ މޮރީނިއޯގެ ޓީމުގެ ކުޅުމަކީ ގިނަ ބަޔަކު އެންމެ ގަޔާވާ ކުޅުންކަމުގައި ނުވެދާނެއެވެ. އެހެނަސް ހަގީގަތަކީ އެ ޓީމަކީ އިދިކޮޅު ޓީމާ ދެކޮޅަށް ވަރުގަދައަށް ޑިފެންސްކޮށް އުނދަގޫ ކުރުމަށްފަހު، އަވަސް ކައުންޓާ އެޓޭކަކުން މެޗު އަނބުރާލާ ޓީމެއްކަމެވެ.

އަނެއްކޮޅުން ސެވިއްޔާ ފަދަ ޓީމަކަށް މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ޔުނައިޓެޑްގައި ތިބި އެލެކްސިސް ސަންޗޭޒް އާއި ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިންނަކީ ސެވިއްޔާ ބަލިކޮށްލެވޭފަދަ އިންޑިވިޖުއަލް ހުނަރު ވެސް ހުރި ކުޅުންތެރިންނެވެ.

=10. ސެވިއްޔާ

ސްޕެއިންގެ ސެވިއްޔާއަށް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދިފައިވަނީ 20 ޕޮއިންޓެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން 6 މޮޅާއި 2 އެއްވަރު ހޯދާފައިވާ ސެވިއްޔާ މީގެ ކުރިން ވަނީ ޔޫރަޕްގެ ދެ ވަނަ ގިންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެހެނަސް، ލީގުގައި ހިތްހަމަ ޖެހޭފަދަ ނަތީޖާތަކެއް ލިބުނަސް، އެ ޓީމުގެ ހާލަތު މި ވަގުތު އޮތް ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ އެޓޭކް ހުއްޓުވޭފަދަ ޑިފެންސްއެއް އަދި ޔުނައިޓެޑްގެ ޑިފެންސަށް ނުރައްކާ ކުރެވޭފަދަ ވަރުގަދަ އެޓޭކް ލައިނެއް އޮތް ކަމަކަށް ވެސް ޤަބޫލެއް ނުކުރެވެއެވެ.

=8. ލިވަޕޫލް

އެންމެ ފަހުން ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދާފައިވާ އިނގިރޭސި ކްލަބް ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ނުކުންނާނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން 7 މޮޅު ހޯދާފައިވާ ލިވަޕޫލް މި ސީޒަންގައި ފެންނަނީ ވަރުގަދަ އެޓޭކިންގ ޓީމެއްގެ ގޮތުގައެވެ. އަނެއްކޮޅުން ފާއިތުވި ޓްރާންސްފާގެ ބާޒާރުގައި އެ ޓީމުން ވަނީ ޑިފެންސް ވެސް ވަރުގަދަ ކޮށްފައެވެ. ލީގުގައި މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް ގެނައިއިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ 3 ވަނައިގައެވެ. 2 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތީ 2 ޕޮއިންޓްގެ ފަރަގެވެ.

އެހެންކަމުން ލިވަޕޫލަށް ޕޯޓޯ ބަލި ކުރެވޭނެކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. އެހެންނަމަވެސް ކުއާޓާ ފައިނަލާ ހިސާބުން އިތުރަށް ކުރިއަށް ދެވޭނެކަމަކަށް ނުބެލެވެއެވެ.

=8. ޓޮޓެންހަމް

ޓޮޓެންހަމްއަށް އެންމެ ފަހުން ކުޅުނު 10 މެޗުން ލިބުނީ 22 ޕޮއިންޓެވެ. އިނގިރޭސި ވިލާތުގެ މި ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ އިޓަލީގެ ޔުވެންޓަސް އާއެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން 6 މޮޅު ހޯދާފައިވާއިރު، ބައްޔެއް ވެފައެއް ނުވެއެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ޑޯޓްމަންޑް އާއި ރެއާލް މެޑްރިޑް އޮތް ގްރޫޕެއްގައި ހޯދި ފުރިހަމަ ކާމިޔާބާއެކު ގްރޫޕްގެ އެއް ވަނަ ހޯދާފައިވުމީ ފާހަގަ ކޮށްލެވޭ ކަމެކެވެ.

ޔުވެންޓަސް އާ ދެކޮޅަށް ހެރީ ކޭން އާއި ޔޯންގް މިން ގެ ނުރައްކާ ބޮޑުވާނެކަމަށް ބެލެވެއެވެ. އެހެނަސް ޔުވެންޓަސްގެ ވަރުގަދަ ޑިފެންސްގެ ކުރިމަތީގައި ޓޮޓެންހަމްއަށް ކުރި ހޯދިދާނެކަމާމެދު ސުވާލު އުފެދެއެވެ.

=6. ބާސެލޯނާ

ސްޕެއިންގެ ގަދަބާރު ބާސެލޯނާ އެންމެ ފަހުން ކުޅުނު 10 މެޗުން 23 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ޗެލްސީއާއެވެ.

މި އަހަރުގެ ސީޒަން ފެށުނުއިރު ޓީމުގެ ތަރި ނޭމާ އެ ޓީމު ދޫކޮށްލުމުންނާއި، ޕައުލީނިއޯ ގަތުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ބާސެލޯނާއިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެ ޓީމު މި ސީޒަނުގައި ސްޕެނިޝް ލީގުގެ މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. ތާވަލު އެއް ވަނައިގައި އޮތީ 7 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ސްޕެނިޝް ކަޕްގެ ފައިނަލްގެ ޖާގަވަނީ ކަށަވަރު ކޮށްފައެވެ.

ބާސެލޯނާ ލީގުގައި އެންމެ ފަހުން ކުޅުނު 2 މެޗުން އެއް އެއްވަރުވެފައި ވީނަމަވެސް، މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ވަރުގަދަ އެއް ސެންޓަރ ބެކް އަކީ އުމްޓިޓީއެވެ. އަނެއްކޮޅުން ކުލަ ފަނޑުވެލުމަށްފަހު ލުއިޒް ސުއަރޭޒް އަނެއްކާ ވެސް ވަނީ ލަނޑު ޖަހަން ފަށާފައެވެ. އެހެންކަމުން މެސީ އާއި ޑެބްލެވޭ އަދި ކުޓީނިއޯ ފަދަ ކުޅުންތެރިންނާއެކު ނުކުންނަ ބާސެލޯނާ ހުއްޓުވުމަކީ ޗެލްސީއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ބާސެލޯނާ ކުއާޓާއަށް ދަތުރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

=6. ބެސިކްޓަސް

ތުރުކީގެ ބެސިކްޓަސް އެންމެ ފަހުން ކުޅުނު 10 މެޗުން ވަނީ 23 ޕޮއިންޓް ހޯދާފައެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ނުކުންނާނީ ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކާ ދެކޮޅަށެވެ.

ބެސިކްޓަސް އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ބަޔާން މިޔުނިކް ފަދަ ޓީމަކާ އަޅާ ކިޔޭފަދަ ނަމަކަށް ނުވެދާނެއެވެ. އެހެނަސް، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރަށުން ބޭރުގައި ކުޅުނު 3 މެޗު ވެސް ކާމިޔާބު ކުރިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަނެއްކޮޅުން ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ޕެޕޭ، އެޑްރިއާނޯ، ކަރިޝްމާ އަދި ޓަލިސްކާ ފަދަ ކުޅުންތެރިންނާއެކު ބެސިކްޓަސްއަށް ބަޔާން މިޔުނިކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވިދާނެއެވެ. އެހެނަސް، ބަޔާން މިޔުނިކް މިހާރު އޮތް ހާލަތަށް ބަލާއިރު، އެ ޓީމު ބަލިކޮށް ކުއާޓާއިން ޖާގަ ހޯދުން ބެސިކްޓަސް އަށް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ.

=4. މެންޗެސްޓާ ސިޓީ

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑަކާއެކު އޮތް މެންޗެސްޓާ ސިޓީން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދާފައެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ނުކުންނާނީ ބަސެލް އާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ގުރު ނެގިއިރު، ސިޓީ ބެލެވިފައި އޮތީ ބަލި ނުކުރެވޭނެ ޓީމެއްގެ ގޮތުގައެވެ. އޭރު އެ ޓީމަށް ލީގުގައި ގެއްލިފައި އޮތީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް އޭރުގައި ސިޓީ އޮތްހާ ވަރުގަދަކޮށް މިހާރު އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމަށް ވަނީ ލީގުގައި ފުރަތަމަ ފަހަރަށް ބައްޔަކާ ކުރިމަތިވެފައެވެ.

ނަމަވެސް ބަސެލްގެ ކުރިމަތީގައި މެންޗެސްޓާ ސިޓީގެ ފޯމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެ ޓީމުން ދައްކަމުން އަންނަ ފެންވަރަށް ބަލާއިރު، ބަސެލްގެ މައްޗަށް ފަސޭހަ ކަމާއެކު ކުރި ހޯދުން ގާތެވެ.

=4. ޕޯޓޯ

ޕޯޗުގަލްގެ ޕޯޓޯއަށް އެންމެ ފަހުން ކުޅުނު 10 މެޗުން ވަނީ 25 ޕޮއިންޓް ލިބިފައެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ވާދަކުރާނީ ލިވަޕޫލް އާއެވެ.

ޕޯޗުގަލް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން އެންމެ ބައްޔަކާއި، އެންމެ އެއްވަރެއް ވެފައިއޮތް ޕޯޓޯ ލީގުގައި ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމުގެ އެޓޭކް ލައިން އާއި ސެޓް-ޕޯސް ތަކުން ލަނޑު ޖެހުމުގެ ރެކޯޑް ވެސް ވަރަށް ރަނގަޅެވެ.

އެހެނަސް، ލިވަޕޫލްގެ ހަލުވި އެޓޭކިންގ ޓީމާ ދެކޮޅަށް ކުޅެ ޕޯޓޯއަށް ކުރި ހޯދިދާނެކަމާމެދު ސުވާލު އުފެދެއެވެ.

  1. ޕީއެސްޖީ

ފްރާންސްގެ ގަދަބާރު ޕީއެސްޖީ އެންމެ ފަހުން ކުޅުނު 10 މެޗުން އެ ޓީމު ވަނީ 27 ޕޮއިންޓް ހޯދާފައެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ވާދަކުރާނީ ރެއާލް މެޑްރިޑާއެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުން ޕީއެސްޖީއަށް ނާކާމިޔާބީއާ ކުރިމަތިވީ އެންމެ މެޗަކުންނެވެ. އަނެއް ކޮޅުން އެ ޓީމުން ބޮޑު ޚަރަދުކޮށް ހޯދި ނޭމާ އާއި އެމްބާޕޭ އާއެކު މި ވަގުތު އެ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

އަނެއްކޮޅުން ފްރާންސް ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިގެން ޕީއެސްޖީ އޮތްއިރު، ރެއާލް މެޑްރިޑަށް މި ވަގުތު ކުރިމަތި ވެފައިވާ އުނދަގޫ ހާލަތާއެކު، ކުއާޓާ ފައިނަލަށް ދަތުރު ކުރުމުގެ އުންމީދު ޕީއެސްޖީން ކުރާލެއް ބޮޑު ވާނެއެވެ. ނަމަވެސް ފާއިތުވި ސީޒަންގައި ބޮޑު މޮޅަކާއެކު އޮއްވާ ބާސެލޯނާ އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލެވޭކަށް އެ ޓީމަށް އަދި ނެތެވެ. ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑް ނަތީޖާ ދަށްކޮށްދާ ސީޒަންތަކުގައި ވެސް ޗެމްޕިއަންސް ލީގުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ޕީއެސްޖީއަށް މެޗު ފަސޭހަ ކޮށްލެވޭކަށް ނެތެވެ.

=1. ބަޔާން މިޔުނިކް

ޖަރުމަނުގެ ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދި 30 ޕޮއިންޓާއެކު އޮތީ މޮޅުވުމުގެ 100 އިންސައްތަ ރެކޯޑަކާއެކުގައެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގައި ވާދަކުރާނީ ބެސިކްޓަސް އާއެވެ.

ފާއިތުވި 10 މެޗުން ހޯދި 100 އިންސައްތަ މޮޅާއެކު ޖަރުމަނު ލީގުގެ 1 ވަނައިގައި އޮތް ބަޔާން މިޔުނިކްއަށް މި ސީޒަންގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއަކީ ގްރޫޕް ސްޓޭޖްގައި ޕީއެސްޖީ އަތުން 3-0 ގެ ނަތީޖާއިން ބަލިވުމެވެ. އެހެނަސް އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކުން ވަނީ ފަހުން ޕީއެސްޖީ ބަލިކޮށް ބަދަލު ހިފާފައެވެ.

އެހެންކަމުން މި ވަގުތު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމުގައި އޮތް ބަޔާން މިޔުނިކާ ދެކޮޅަށް ބެސިކްޓަސް އަށް އޮތީ އުނދަގޫ ހަނގުރާމައެކެވެ. އެހެނަސް ގްރޫޕް ސްޓޭޖްގައި ބެކިސްޓަސް ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި ބަޔާން މިޔުނިކުން ފަރުވާތެރި ނުވެއްޖެނަމަ އެ ޓީމަށް ވެސް ލަނޑު ލިބުން ގާތެވެ.

=1. ޔުވެންޓަސް

ބަޔާން މިޔުނިކެކޭ އެއްގޮތަށް އިޓަލީގެ ގަދަބަރު ޔުވެންޓަސް ވެސް އޮތީ އެންމެ ފަހުން ކުޅުނު 10 މެޗުން ހޯދި ސައްތައިންސައްތަ މޮޅާއެކު 30 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.

ޔުވެންޓަސް އާއި ބަޔާން މިޔުނިކަކީ ޔޫރަޕްގައި މި ވަގުތު އެންމެ ރަނގަޅު ފޯމުގައި އޮތް ދެ ކްލަބެވެ. ޔުވެންޓަސްއަށް އޮތް ހަމައެކަނި ބޮލު ރިހުމަކީ މި ވަގުތު އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތުމެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

ޔުވެންޓަސްއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ވަރުގަދަ ޑިފެންސެވެ. ނޮވެމްބަރު މަހުގެ ފަހުން ބަލިވެފައިނުވާ ޔުވެންޓަސްގެ ގޯލަށް އެންމެ ފަހުން ކުޅުނު 7 މެޗުން ވެސް ލަނޑެއް ވަދެފައެއް ނުވެއެވެ. އެހެންކަމުން ޓޮޓެންހަމްގެ ވަރުގަދަ އެޓޭކިންގ ފޯސް ހުއްޓުވިއްޖެނަމަ ޔުވެންޓަސްއަށް ކުރިލިބުން ގާތެވެ.

ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުގެ ފުރަތަމަ ލެގުގެ ޝެޑިއުލް

# 13 ފެބްރުއަރީ 2018، 00:45 ގައި

ބަސެލް – މެންޗެސްޓާ ސިޓީ      ޔުވެންޓަސް – ޓޮޓެންހަމް

# 14 ފެބްރުއަރީ 2018، 00:45 ގައި

ރެއާލް މެޑްރިޑް – ޕީއެސްޖީ       ޕޯޓޯ – ލިވަޕޫލް

# 21 ފެބްރުއަރީ 2018، 00:45 ގައި

ބަޔާން މިޔުނިކް – ބެސިކްޓަސް     ޗެލްސީ – ބާސެލޯނާ

# 22 ފެބްރުއަރީ 2018، 00:45 ގައި

ޝަކްތާ ޑޮނެސްޓްކް – ރޯމާ      ސެވިއްޔާ – ބަޔާން މިޔުނިކް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް