އިންޑިއާއިން ސިފައިން ރާއްޖެއަށް ނުފޮނުވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާކަމުގައި ޑިފެންސް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހިރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި އަދި އެކަމަށް ހިތްވަރުދީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ދިވެހިންނާއި އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް ނޫސްތަކާއި މީޑިއާގެ އެހެން ވަސީލަތްތަކުގައި ވާހަކަ ދައްކާފައިވާކަމަށެވެ.
"ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވަރަށް ބަދަހި ގުޅުމެއް ގާއިމުކުރެވިފައިވާ އަދި މިހާރުވެސް އެ ގުޅުން ދަމަހައްޓަމުންދާ ދެ ގައުމަށްވާތީ، އިންޑިއާއިން ސިފައިން ރާއްޖެއަށް ނުފޮނުވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައި ވެ އެވެ. އަދި މި ފަދަ ވާހަކަތަކަކީ އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކަށްވުމާއެކު، އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރަމެވެ." ޑިފެންސްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކުރިންވެސް މި މިނިސްޓްރީން ހާމަކޮށްފައިވާނޭ ފަދައިން ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ އެހީތެރިކަމަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން އެދިފައެއް ނުވާނެ ކަމަށެވެ.
އެހެންކަމާއެކު، ދިވެހިރާއްޖެއާ ދެކޮޅަށް ބޭރު ގައުމެއްގެ ސިފައިން އަތުވެދާނެކަމުގެ ބިރުވެރިކަމެއް ނެތްކަމުގައި ދަންނަވަމެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވެދާނެ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމުގައި ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް