ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑާ ގުޅޭނެކަމަށް ޤަބޫލު ކުރާކަމަށް ރެއާލް މެޑްރިޑްގެ ބްރެޒިލް ފުލްބެކް މާސެލޯ ބުނެފިއެވެ.
ފާއިތުވި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދުނިޔޭގެ ރެކޯޑް ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 222 މިލިޔަން ޔޫރޯއަށް ބަދަލުވި ނޭމާ، ބާސެލޯނާގެ އެންމެ ވާދަވެރި ރެއާލް މެޑްރިޑާ ގުޅެން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ފަހަކަށް އަހިސް ވަނީ ގަދަވެފައެވެ.
މިގޮތަށް އަޑުތައް ފެތުރިފައިވަނިކޮށް ނޭމާ އާއެކު ބްރެޒިލްއަށް ކުޅޭ މާސެލޯ މި ވަނީ އެފަދަ ޓްރާންސްފާއެއް ފެނުމުގެ ފުރުސަތު ބޮޑުކަމުގެ އިޝާރާތެއް ކޮށްފައެވެ.
"އަހަރެންނަށް ވިސްނޭ ގޮތުގައި ނޭމާ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅޭނެ" ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލު ކުރާ މެޗުގެ ކުރިން ނޫހަކަށް ދިން އިންޓަވިޔުއެއްގައި މާސެލޯ ބުންޏެވެ.
"އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ މޮޅެތި ކުޅުންތެރިން ކުޅެން ވާނީ މި ކްލަބްގައި" މާސެލޯ އިތުރަށް ބުންޏެވެ.
މާސެލޯ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް މީގެ ކުރިން ވަނީ ނޭމާއަށް ތަޢުރީފުކޮށް އަދި ނޭމާ ގެންނަން ބޭނުންވާކަން ހާމަކޮށް ވާހަކަދައްކާފައެވެ. ނޭމާއަށް ބެލޮންޑޯ ލިބުމުގެ ފުރުސަތު ބޮޑު ވާނީ ރެއާލް މެޑްރިޑަށް ކުޅެގެން ކަމަށް ވެސް ޕެރޭޒް ބުނެފައިވެއެވެ.
ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު މި ސީޒަންގައި ނޭމާގެ ވިދުން ވަނީ އިތުރަށް ގަދަވެފައެވެ. އޭނާ ވަނީ ޕީއެސްޖީއަށް މިހާތަނަށް ކުޅެދިން 27 މެޗުން (ހުރިހާ މުބާރާތަކުން) 28 ލަނޑު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް