ހައްޔަރުކޮށްފައިވާ މީހުންނާއި އެ އޮޕަރޭޝަން ކުރިއަށްގެންދިޔައިރުގެ ބައެއް މަންޒަރުތައް -
އޮޕަރޭޝަން އަލިމަގުގެ ދަށުން ގއ. ވިލިނގިއްޔާއި
މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ އެކައުންޓްތަކުގައި
ފަސް އަހަރުގެ ތެރޭގައި 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަމަށް
ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެ އޮޕަރޭޝަނާއި
ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
"މި ނެޓްވޯރކުން 2015 ވަނަ
އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ
ތަހުގީގަށް ވަނީ ހޯދިފައި، އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް
މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި
ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން
ވަނީ ފާހަގަކުރެވިފައި" ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ގއ.
ވިލިނގިލި، ސެވޯނާ، އުމުރުން 28 އަހަރުގެ ޝައްފާޙް ލަޠީފާއި ހަމަ އެ ރަށު މިޔުޒިކީއާގެ،
އުމުރުން 33 އަހަރުގެ އަޙްމަދު މަދީޙު އާއި ހަމަ އެ ރަށު އައިޒަން، އުމުރުން 30
އަހަރުގެ އަޙްމަދު އަނާމް އިބްރާހީމާއި ހަމަ އެ ރަށު އަރާއިރުގެ، އުމުރުން 35 އަހަރުގެ
ނޫރުއްނިޠާމެވެ.
އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އާދީއްތަ
ދުވަހުގައެވެ.
"މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް
ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ
އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް"
ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ފާހަގަކޮށްފައިވާގޮތުގައި އެ
އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި
މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ
ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ
ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް
މަހުކަން ފާހަގަކޮށްފައިވެއެވެ .
އެ ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ
ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި
ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާކަން
ފާހަގަކުރަމުން ބުނެފައިވަނީ އެ ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ތަޙްޤީޤު
ކުރަމުން އަންނަ ކަމަށެވެ.
ފައިސާ ދައުރުކޮށްފައިވާގޮތުގެ މިންވަރެއް
- އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި
17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ
ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވޭ، ނަމަވެސް، މި މުއްދަތުގެ
ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99
(ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި)
- އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް
އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް
ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފައި، މި މުއްދަތުގެ
ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި
ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ
ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި)
- ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި
6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ
އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފައި،
މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި
ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް
ރުފިޔާ ތިރީސް ހަ ލާރި)
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ
ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާކަންވެސް
ފުލުހުން ފާހަގަކޮށްފައިވެއެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް
ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު
އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15
ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް