ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ހާއްސަ ސެންޓަރެއް ރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ލޮލުގެ ޚާއްޞަ ފަރުވާދޭ "ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުވ...

13 Jan 2020 | 18:36

ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ލޮލުގެ ޚާއްޞަ ފަރުވާދޭ "ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ޚިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ މި ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވުނު ސެންޓަރެކެވެ. މި ސެންޓަރު ޤާއިމު ކުރުމަށްޓަކައި 11.1 މިލިޔަން ދިވެހިރުފިޔާގެ އަގުހުރި އިކުއިޕްމަންޓް އާއި ބޭސް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދިޔާ ކުރުމުގެ އިތުރުން، ޗައިނާގެ ތަޖުރިބާކާރު ލޮލުގެ ފަރުވާއަށް ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މިމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިއެވެ. އަދި މި ތަނުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާގޮތަށްވެސް ހަމަޖެހިފައިވެއެވެ.

ލޮލުގެ ޚާއްޞަ ފަރުވާތައް ދިނުމާ ބައެއް އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ މި ސެންޓަރ ހުޅުވުމާއި ދިމާކޮށް ޗައިނާ ސަރުކާރާއި ޒޮންގްޝަން އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ލޮލުގެ ބަލިތަކަށް ޚާއްޞަ ކޭމްޕެއް، މިމަހުގެ 8 އިން 11 އަށް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް