ފ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ނިލަންދޫގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ނިލަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ އެސް.ޕީ.ޑީ ޙަސަން ޝިޔާމެވެ.
2020 ވަނަ އަހަރު ފ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށް ގެންދިއުމަށް ރާވާފައިހުރި ޕްރޮގްރާމްތައް ފެށުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ރަށުގެ އެކި ސަރަޙައްދުތައް ތަފާތު ގްރޫޕްތަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކަށްވެސް ކަނޑައެޅު ސަރަޙައްދުގައި ހިމެނޭ މީހުން ދިރިއުޅޭ ގެތަކާއި ފަޅުގޯތިތަކާއި ޢާންމުތަންތަން ހިމެނޭ ގޮތަށް މަދިރިފަނި އުފެދިދާނެކަމަށް ބެލެވޭ ވަޅާއި ފެންއަޅާ ތާނގީއާއި އެގޮތަށްހުރި އެފަދަ ތަންތަން ބަލާފައިވެއެވެ.
މީގެ އިތުރުން ނައްތާލަންޖެހޭ ތަންތަން ނައްތާލާއި ރަނގަޅުކުރަންޖެހޭ ތަންތަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ އިރު، ތަންތަނުގެ ސާފުތާހިރުކަންހުރި މިންވަރު ދެނެގަނެ ސާފުތާހިކަން ކުޑަކޮށް ހުރިތަންތަން ރަނގަޅުކުރުމަށްވެސް ގޯތިތަކުގެ ވެރިފަރާތްތަކަށް މި ހަރަކާތުގެ ތެރެއިން ވަނީ އަންގައިދީފައެވެ.
މިސަރުކާރުން ޢާންމު ރައްޔިތުންނަށް އެންމެ އިސްކަމެއް ދެއްވާފައިވާ ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ކަމަށްވާތީ ފ. އަތޮޅު ހޮސްޕިޓަލުން އިސްނަންނަގައިގެން މިއަހަރު ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ގިނަ ޕްރޮގްރާމުތަކެއް މުޅިއަހަރަށް ބަހާލައިގެން ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި ފ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކުރިއެރުމަށް އިސްކަންދެއްވައިގެންވެސް ތަޢުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށް ފ. އަތޮޅު ހޮސްޕިޓަލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.
ފ. އަތޮޅު ހޮސްޕިޓަލަކީ ވަރަށް އެކުވެރި އެއްބައެއްވަންތަ މުވައްޒަފުންތަކެއް މަސައްކަތްކުރާ ހޮސްޕިޓަލަކަށްވާ އިރު، ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި އުފައްދާފައިވާ ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ތަނުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ޚިދުމަތްފޯރުކޮށްދިނުމަށް ޕްރައިވެޓް 2 ކޮޓަރި ޤާއިމު ކުރުމާއި ފާއިތުވިއަހަރު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތްދިނުމަށް މުވައްޒަފުން އިސްނަގައިގެން ޑެންޓަލް ޚިދުމަތްދޭތަނެއް ޤާއިމުކޮށްފައިވާ އިރު، މުވައްޒަފުން އިސްނަގައިގެން ފިޒިއޮތެރަޕީގެ ޚިދުމަތްދިނުމަށް ބޭނުންކުރާނެ ޢިމާރާތެއް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް