ހިމަބިއްސަށް ޝައްކު ކުރެވޭ އިތުރު ކުއްޖަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފަރުވޭ ދެމުން އަންނަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ ކުއްޖާއަށް ހިމަބިހި ޖެހިފައިވާކަން އަދި އައިޖީއެމް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ޓެސްޓްތަކަށް މިހާރު ސާމްޕަލް ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ހިމަބިއްސަށް ޝައްކު ކުރެވޭތީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ފަރުވާ ދޭން ފަށާފައިވާއިރު ތިން އަހަރުގެ ފިރިހެން ކުއްޖަކަށްވެސް ހިމަބިހި ޖެހިގެން އައިޖީއެމް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަމަށް 2017ގައި ކަނޑައެޅިއެވެ. ނަމަވެސް ހިމަބިހި މިވަނީ އަލުން ފެނިފައެވެ.
ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.
ހިމަބިހި ޖެހޭތާ 4 ވަނަ ދުވަސް ހިސާބުގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހި ތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް