ހައްތަހާވެސް ނުކުރެވި ހުރި ކަންކަމެވެ!

ހެނދުނު ހޭލެވުނީ އޮފީހަށްދާ ގަޑިވެސް ޖެހުނުފަހުންނެވެ. ފޯނު އެލާމްވީއިރުވެސް ނޭނގެއެވެ. ބަނޑުގައި ރިހި އުނދަގޫވާވަރުން ރޭގައި ރަނގަޅަށް ނުނިދޭތީވެ ހުރީ ނިދިހަމަނުވެއެވެ. މާބަނޑުވުމުން ކޮފީއެއްވެސް ބޮވ...

13 Jan 2020 | 02:44

ހެނދުނު ހޭލެވުނީ އޮފީހަށްދާ ގަޑިވެސް ޖެހުނުފަހުންނެވެ. ފޯނު އެލާމްވީއިރުވެސް ނޭނގެއެވެ. ބަނޑުގައި ރިހި އުނދަގޫވާވަރުން ރޭގައި ރަނގަޅަށް ނުނިދޭތީވެ ހުރީ ނިދިހަމަނުވެއެވެ. މާބަނޑުވުމުން ކޮފީއެއްވެސް ބޮވޭކަށް ނެތެވެ. ސަލާމްބުނަންކަމަށް ބަލާލިއިރު ސަލާމްބުނާ ވަގުތުވެސް ފާއިތުވެއްޖެއެވެ. ދެން ޖެހޭނީ މަރަށްވިޔަސް ދާންކަމަށް ނިންމައި ތެދުވެ އަވަސްއަވަހަށް ތައްޔާރުވެ ފިރިމީހާއަށް ގޮވީމެވެ. އޮފީހަށް އަހަރެން ގޮވައިގެން ދިޔައިރު އޮފީހުގައި ސައިބޯން ދެތިން އެއްޗެއް ގަތީމެވެ. އަދި ފިރިމީހާވެސް މިއަދު ކޮންމެވެސް އެއްޗެއް ގަނެގެން ސައިބޯލަން އެދުނީމެވެ.

އޮފީހަށްވަދެ މޭޒުގައި އިށީންގެ ދުވަހުގެ މަސައްކަތްތައް ބަލާލާފައި ސައިބޯން ފެށީމެވެ. " ގަނެގެން ދޯ ސައިބޮނީ. ގޭގައި ނުކައްކަންދޯ؟" ޖެހިގެން ހުރި މޭޒުގައި ހުރިކުއްޖާ މަލާމާތުގެ ރާގުގައި ބުނެލިއެވެ. "މީހަކާ އިނދެގެން ދަރިން ލިބޭ އިރުވެސް ކައްކާކަށްނޫޅެ. އަހަރުން މިއަންނަނީ ހެނދުނު ހޭލާފައި ރޮށިފިހެފައި އަދި ދެވައްތަރުން ރިހަ ކައްކާފައި." އޭނާގެ ވާހަކަ އިތުރުކޮށްލިއެވެ. ގެބަދަލުވެ އަދި އުނދުން ގުޅައި ކެއްކޭގޮތް ނުހެދޭކަމަށް އޭނާގާތު އިއްޔެ ބުނީމެވެ. އަނެއްކާ މިއަދުވެސް ބުނީމެވެ. "ޕާނެއްނަމަވެސް ގަނެގެން ސައިބޮވޭނެއްނު އުނދުނެއް ނެތަސް" އޭނާ އެހެން ބުނުމުން އަހަރެން ހިތައް އެރީ "އެވެސް ގަތީއެވެ. މިވެސް ގަތީއެވެ."

އޮފީހުގެ މަސައްކަތްތައް ނިންމައިލެވުނީ އިރުއޮއްސުނު ފަހުންނެވެ. ފިރިމީހާ ޑިއުޓީގައި ކަމުން ހިނގާފައި ގެއަށް ދާން ހިތަށް އެރިއެވެ. ވިހަންވެސް ގާތްވެފައި ހުރުމުން ގިނައިން ހިނގަންޖެހޭނެތީއެވެ. ގެއަށް އައި އިރު މީހާހުރީ ގުނބުހިލިފައެވެ. އޮފީހުގައިވެސް އެހާގިނައިރު އިށީނދެ އިނުމުންވެސް އުނަގަނޑުގައިވެސް ރިއްސައެވެ. ފޫހިކަމާއި ވަރުބަލިކަމާއެކު ބަލާލެވުނީ އަދި ނުހުޅުވާހުރި ފޮށިތަކަށެވެ. އެއަށްފަހު ބަލައިލެވުނީ ހިރަފުހާއި ކުނިބުނި ހުރި މުށިތަކަށެވެ. މިއަދުވެސް ގެއަށް ބައެއް ތަކެތި ވެއްދީކަން ދެނެގަނެވުނެވެ. ވަރުބަލި ވެފައި ހުރިވަރުން ބޭނުންވީ އޮށޯންނާށެވެ. ނަމަވެސް އޮށޯވެވޭނީވެސް ފެންވަރައިގެންނެވެ. ފެންވެރޭނީ ގޭތެރެސާފުކޮށްފައެވެ. ވީމާ އަވަސްކޮށްލަން ގޭތެރެ ކުނިކަހާލީމެވެ. ފެންވަރައިގެން އައިސް ބަލާލިއިރު ދާ އެއްޗެހިތައް މިހުރީ އެނދުމަތީގައެވެ. ހުރިހާ އެއްޗެއް ނަގާ ދޮންނަންއެޅީމެވެ. ނޮށޯވެވެނީސް ބޮޑުދައިތަ ގުޅައިފިއެވެ.

"މިހުރީތިގޭ ދޮރުމަތީގައި. ހުޅުވަބަލަ." އަންގާވެސް ނުލާ އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ގޮސް ދޮރު ހުޅުވީމެވެ. " ސުބުޙާނަﷲ. މިއޮތީ ގެ އޮތް ހާލަތު. އަދި ފޮށިތައް ނުވެސް ހުޅުވަމެއްނު. މަމިއައީ އަދި އާގެ ބަލައިލަންކަމަށް. މިހުރިހާ ފޮއްޓަކާ ކުންޏަކާހެދި ގޭގެ ރީތިކަމެއް ނުވެސް އެނގެއެއްނު." ގޭތެރެއަށް ފިޔަވަޅުއެޅޫމާއި އެކު ބޮޑުދައިތަ ބުނެލިއެވެ. " އެކަމަކުވާ. އިއްޔެ ގައިމު ފޮށިތައް ގެނައި. މަށަކަށް ނުވެސް ނިދޭނެ އެއްއެއްޗެއް ލާންވާތަނަކަށް ނުލައެއް." ފޮށިފޮށިން އެއްޗެހި ނަގަން އެހީވެދޭނެ މީހަކު ނެތި މާބަނޑު މީހަކަށް އެކަމެއް އެކަނި ނުވާނެ ބުނަން ހިތަށް އެރިއެވެ.

"ޗީ.ޗީ. މިހުރީ މަތިމަތިން ކަހާލާފައި މޮޕު ނުލާދޯ. މަ ކޮންމެ ދުވަހަކުވެސް ގޭތެރެ ކުނިކަހާފައި މޮޕުލަން." އަހަރެން ވެފައިހުރި ވަރުބަލި ބުނެދޭނެ ގޮތެއްވެސް ނޭންގެއެވެ. "ދެންމެ މިއައީ އޮފީހުން" އަހަންނަށް ބުނެވުނީ އެވަރަށެވެ. "މަވެސް އޮފީސް ނިންމާފައި ގޮސް ކައްކާ، ގޭތެރެކުނިކަހާ މޮޕުލަނީ."

"ހޫން ދެން ކާން ހުރީ ކޯއްޗެއް؟ ކާއެއްޗެއް ދީބަލަދޯ." ގޭގައި އަދި ކެއްކޭގޮތް ހަމަނުޖެހޭކަމާއި،ފްރިޖުވެސް އަދި ނުގެނެވޭތީ ނުކައްކާ ކެވޭކަހަލަ އެއްޗެއްވެސް އަދި ނެތްކަމަށް ބުނީމެވެ. ހަމައެކަނި ހުރީ ކަދުރުކޮޅަކާއި މޭވާކޮޅެކެވެ.

"ނުކައްކަމޭ؟ ދެން ބޭރުންކަނީ؟ މިޒަމާނުކުދިން އުޅޭގޮތްދޯ؟ އަހަރުމެން ޒަމާނުގައި ޖެހޭނެ ކޮންމެހެންވެސް ކައްކަން. މަ ނަމަ ނޫޑުލިސްކޮޅެއްނަމަވެސް ރޯފިލުވަލީމުސް ފިރިމީހާއަށް." ބޮޑުދައިތަގެ ވާހަކައިން އަހަންނަށް އިޙުސާސުވީ އަހަރެންގެ ކަންނެތްކަމާއި ކަމެއްނުކުރެވޭކަމެވެ.

"އެކަމަކުވާ. މިހުރީ ފާހާނާވެސް ހުރިގޮތް. ބަލާލަން ނުކެރެ." އަހަރެންނަށް ސާފުކުރެވޭ ވަރަކަށް ސާފުކުރިކަމަށާއި ފިރިމީހާއަށްވެސް އަދި ސާފުކުރަން ވަގުތުނުވާކަމަށް ބުނީމެވެ. "މަވެސް އަމިއްލައަށް ސާފުކުރަނީ ނިކަން ދިގު ބުރުހެއް ފިހިގަނޑެއް އެއްޗެއް ގަނެބަލަ. ކޮންމެ ހަފްތާއަކުވެސް ވާނެ ފާހާނާ ސާފުކުރަން. ފިރިމީހާއެއް ކުރަންދެން ހުންނަން ޖެހޭތަ؟" ބޮޑުދައިތަގެ ވާހަކަތަކުން އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފިއެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ބޮޑުދައިތަ ފޮނުވައިލާށެވެ.

" މަށަށް ޔަގީނޭ އަދި ތި ވިހަން އުޅޭ ދަރި އަންނަންވާއިރަށްވެސް އަދި އެއްކަމެއްވެސް ނުކުރާނެކަން. ތީހަމަ ފައްކާ ކަންނެތް އަންހެނެއް. ވަރަށް މުރާލިވެގެން ދިރިއުޅެވޭނީ" އެހިސާބުން އަހަންނަކަށް ނެތެއްނުވިއެވެ.

"ބޮޑުދައިތަ ދާކަށްނުވޭތަ؟އަހަރެން ވަރަށް ވަރުބަލި. ނިދާލަން މިއުޅެނީ" އެންމެ ފަހުން ބުނީމެވެ.

"ތިވަރަށް ނިދާކަށް ނުވާނެ. ފިރިމީހާ އަންނަންދެން ހޭލާ ހުންނަން ވާނެ." ނިކުންނަމުން އަނެއްކާވެސް ބުނެލިއެވެ.

އަހަރެން ހިތުގައި ޖެހި ރޮވޭގޮތްވިއެވެ. އަހަރެންނަކީ މީ ކަންނެތްމީހަކީތާއެވެ. ކަމެއްކުރަން ނޭނގޭ މީހަކީތާއެވެ. އެހާ ގޯސް އަންބަކީތާއެވެ. ދަރިފުޅަށް ރަނގަޅު މަންމައަކަށް ވެވޭނެބާއެވެ.މިހާރުވެސް މިއޮތީ އަހަންނަށް ހައްތަހާވެސް ނުކުރެވި ހުރި ކަންތައްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް