ސްޕެނިޝް ލީގުގައި ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ޖެހިއިރު، މިއީ ލީގުގައި މެދުކެނޑުމަކާ ނުލާ އޭނާ ލަނޑު ޖެހި 5 ވަނަ މެޗެވެ. އަދި އޭޕްރިލް 2016 ގެ ފަހުން ޖެހިޖެހިން މެޗުތަކެއްގައި ލަނޑު ޖެހުމުގައި އޭނާގެ އެންމެ ރަނގަޅު ރެކޯޑް ވެސްމެއެވެ.
އެންމެ ފަހުން ކުޅުނު ސްޕެނިޝް ކަޕް މެޗުގައި ބާސެލޯނާ ބަލިކޮށްފައިވާ ލެވަންޓޭއަށް މިއަދުގެ މެޗުގައި އެތުލެޓިކޯއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މުޅި މެޗުގައި ވެސް އެތުލެޓިކޯގެ ގޯލަށް ލެވަންޓޭއަށް ފޮނުވާލެވުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ.
މިއަދުގެ މެޗުގައި އެތުލެޓިކޯއަށް ވެސް އެންމެ މޮޅު ކުޅުން ދެއްކޭގޮތެއް ނުވިއެވެ. މިއަދުގެ މޮޅާއެކު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވި ނަމަވެސް، އެ ދެ މެޗުގެ ވެސް ކާމިޔާބީގެ އަސްލަކީ ލިބުނު ހަމައެކަނި ޕެނަލްޓީއެވެ.
ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން އަނިޔާ ވެގެން ސްޓެފަން ސަވިޗް ބާލަން ޖެހުނުއިރު، އޭގެ އިރުކޮޅެއް ފަހުން ގްރީޒްމަންއަށް ކުޑަ އޭރިޔާގެ ތެރެއިން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ގްރީޒްމަން އަށް ލިބުނު ފުރުސަތު ގެއްލުވާލިތާ ގިނައިރުތަކެއް ނުވެ އެތުލެޓިކޯގެ ކޮކޭ ލަނޑެއް ޖެހިއެވެ. އެހެނަސް ވީއޭއާރ ރިވިޔުއަށް ފަހު އެއީ ލަނޑެއް ނޫންކަމަށް ނިންމީ، އެ ލަނޑު ޖެހުމަށް ހަމަލާ އުފެއްދުމުގައި އެތުލެޓިކޯގެ ރޮޑްރިގޯ އެނިސް ބާދީއަށް ފައުލް ކޮށްފައިވުމުންނެވެ.
މެޗުގެ 57 ވަނަ މިނިޓުގައި ތޯމަސް ހުރަސްކޮށްލި ބޯޅައެއް ހުއްޓުވުމަށް ލެވަންޓޭގެ ޑިފެންޑަރަކު ބޯޅައިގައި އަތްލުމުން އެތުލެޓިކޯއަށް ޕެނަލްޓީއެއް ލިބުނުއިރު، ގްރީޒްމަން ވަނީ ފަސޭހަކަމާއެކު އެ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ލެވަންޓޭގެ ޖޯސް ލުއިސް މޮރަލޭސް ފޮނުވާލި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރ އޮބްލަކް ދިފާއު ކުރިއިރު، ބާދީ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ އެތުލެޓިކޯގެ ޑިފެންޑަރ ޑިއޭގޯ ގޯޑިން އެވެ.
މި މޮޅާއެކު އެތުލެޓިކޯ މެޑްރިޑް 2 ވަނައިގައި އޮތް އިރު، އެ ޓީމު ވަނީ، ތާވަލުގެ އެއްް ވަަނައިގައި އޮތް ބާސެލޯނާއާ 2 ޕޮއިންޓަށް ތަފާތު ކުޑަކޮށްފައެވެ. އެހެނަސް މިރޭ އެއިބާ އާ ދެކޮޅަށް ކުޅޭ މެޗުން ބާސާ މޮޅުވެއްޖެ ނަމަ، އަނެއްކާ ވެސް އެ ޓީމަށް 4 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް