ސަމްޕްޑޯރިއާ އާ ދެކޮޅަށް ރޭ ވަރަށް އާދައިގެ ކުޅުމެއް ދެއްކުނު އޭސީ މިލާން އަށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕެޓްރިކް ކުޓްރޯން ކާމިޔާބު ކޮށްދިން 2 ލަނޑާއެކު އެ ޓީމު ކޮޕާ އިޓާލިއާގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ޕެޓްރިކް މި 2 ލަނޑު ވެސް ޖެހީ، 90 މިނިޓްގެ ކުޅުމުން ލަނޑެއް ނުޖެހި އެއްވަރުވުމާއެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައެވެ.
ރަސްމީ ވަގުތުގެ ދެ ހާފުގައި މިލާންއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ވެސް ނުކުރެވުނެވެ. ހާއްސަކޮށް ޗެލްސީއަށް ބަދަލުވެދާނެ ކަމަށް ބެލެވިފައިވާ މިލާންގެ ފޯވާޑް ގޮންޒަލޯ އިގުއައިން އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ.
މީގެ އިތުރުން ގޯލު ހުޅުވާލުމަށް މިލާންއަށް މެޗުގެ 70 ވަނަ މިނިޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެނަސް ސަމޫ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކޮންޓީ ހުރަސްކޮށްލި ބޯޅައަކުން ޕެޓްރިކް ލަނޑު ޖެހިއިރު، 2 ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ 2 ވަނަ ހާފުގައެވެ. މި ލަނޑުގައި ވެސް ސަމްޕްޑޯރިއާގެ ޑިފެންސްގެ ސަމާލުކަން ކުޑަވުން ފާހަގަ ކުރެވުނެވެ.
މިލާންއަށް ކުރިއަށް އޮތީ ސުޕަރކޮޕާ އިޓަލިއާނާ ގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ ސައޫދީ އަރަބިއާ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް