ސްކޫލު ތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ނާސްތާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި ޕްރޮގްރާމް އަދި ފަށާފައިވަނީ 25 ސްކޫލެއްގައެވެ. އެޑިއުކޭޝަނުން ކުރިން ހާމަކޮށްފައިވާގޮތުގައި 25 ސްކޫލެއްގައި ދޭން ފަށަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ.
ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ނާސްތާ ޕްރޮގްރާމަށް 10 މެނޫއެއް އެކުލަވާލާފައިވާއިރު އެ މެނޫތަކުގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި މަސްހުންޏާއި ސޭންޑިވް ފަދަ ކާނާ ހިމެނެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިމިވަނީ ހަތްދިހަ ތިން ހާސް ތިރީސް ފަސް ދަރިވަރުންނާއިއެކުގައެވެ. ރާއްޖޭގެ 213 ސްކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވާއިރު އެޑިއުކޭޝަނުން ހާމަކޮށްފައިވާގޮތުގައި މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ޢަދަދަކީ 9800 އެވެ.
މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 ކަމަށާއި ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވާދޭނެ ކަމަށާއި އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވާދޭނެކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް