މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ފަޒާ" ނަމަކަށް ކިޔާ ދޯންޏެއް ބ. އޭދަފުށީ ކައިރީ އޮންނަ ފަރަކަށް މީގެ ދެދުވަސް ކުރިން އުރިފައިވާއިރު އެ ދޯނި އަދިވެސް ފުން ނުކުރެވޭ ކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 11 ޖަނަވަރީ ގައި ފަރަށް އެރި "ފަޒާ" ދޯނި އަދިވެސް ފުން ނުކުރެވޭ ކަމަށެވެ.
"ދޯނީގެ ވެރިފަރާތުން ދޯނި ފުންކުރުމަށް ކުރަމުންދާ މަސައްކަތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން، އެގޮތުން ކޯސްޓްގާޑް ގެ ޑައިވަރުން ޓީމެއް ދިޔަ ހިއްކާ ޕަމްޕާއެކު އެ ސަރަހައްދުގައި މިއަދު ހެނދުނު 09:00 އިން ފެށިގެން ދަނީ ހަރަކާތްތެރިވަމުން" އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްއެންޑީއެފް ލޯންޗެއްވެސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި "ފަޒާ" ދޯނި ފުން ކުރުމަށް ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއް މިއަދު ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް