އެމްޑީޕީ އުފެއްދި އިރު އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމުގައިވާ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އަހުމަދު ޒަކީ (ނަޒާކީ ޒަކީ) ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެން އެ ޕާޓީ އަށް ސޮއި ކޮށްފިއެވެ.
ޒަކީ މިރޭ ޕީޕީއެމް އަށް ސޮއިކުރައްވައި ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެވެ. ޒަކީ ޕީޕީއެމަށް ސޮއި ކުރެއްވީ އެ ޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
ނަޒާކީ ޒަކީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސިއްރުން ނެރެން ފެށި ނޫސް "ސަންދާނު" ގެ އެއް ތަނބެވެ. ސަންދާނު ނޫހުގައި ސަރުކާރާއި ދެކޮޅު ލިޔުންތައް ލިޔެފައިވާތީވެ ރައީސް މައުމޫންގެ ދައުރުގައި ނަޒާކީ ޒަކީ އުމުރަށް ޖަލަށް ލާންވެސް ހުކުމް ކޮށްފައި ވެއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން މެލޭޝިއާ އަށް ކަނޑައެޅުއްވި ސަފީރު ކަމުގެ މަޤާމުވެސް ޒަކީ އަދާ ކުރައްވާފައި ވެއެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.
ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އަދާލަތު ޕާޓީ އާއި ގުޅިވަޑައިގެން އެ ޕާޓީ އާއި އެކު މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން، ޒަކީ ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޕީއެލްގައި 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް