2018 ގެ އިންތިޚާބާ ގުޅިގެން ނެރެފައިވަނީ ސައްހަ ލިޔުމެއް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލިޔެކިޔުންތަކަކީ ފުލުހުންގެ ލިޔެކިޔުންތަކެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްޙަނޫން ލިޔުންތަކެއް ކަމަށެވެ.
އޭގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް އެބަހުރިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަމަކީ 2020ވަނަ އަހަރު ތަސްދީޤުކުރި ގާނޫނު ނަންބަރު 2020/34 ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް ޢަމަލުކުރަން ފެށުމާގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމަށާއި އެހެންކަމުން، މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ޚިދުމަތަށްއޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ބަޔަކު ހަދާފައިވާ ލިޔުންތަކެއްކަމުގައި ދެކޭކަމަށް ވެސް ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެއީ ޤަވާޢިދާ ޚިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުންތަކެއްކަމަށްވާތީ އެމައްސަލަ ތަހުގީގު ކުރާނެކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
2018ވަނަ އަހަރުގެ ރިޔާސީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކުރައްވާފައިވާ އިރު، ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް