ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި އަދުހަމް އަހުމަދަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފި އެވެ.
ނަޝީދަށް ހަމަލާ ދިނީ މިދިޔަ މެއި މަހު ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. ކާރު ކައިރީ ޕާކު ކޮށްފައި އިން އައިޑީޑީ ގޮއްވާލީ ރިޕޯޓު ބޭނުން ކޮށްގެން މާ ދުރުނޫން ހިސާބެއްގައި ހުރެގެން އަދުހަމް އެވެ.
މި މައްސަލައިގަ ވ. ތިނަދޫ، ހިޔާ އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ތިން ދައުވާއެއް ކުރެ އެވެ. މި ދައުވާތަކުގެ ޝަރީއަތް ސިއްރުން ކުރިޔަށް ގެންދާއިރު އަދުހަމް ވަނީ ހުކުމް ކުޑަކުރުމަށް ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުމެއް ހަދާފަ އެވެ.
މި މައްސަލައިގަ އޭނާގެ މައްޗަށް ހުކުމް ކުރަން ނިންމީ މިއަދު ބޭއްވި އަޑު އެހުމުގައި އެވެ. އަދުހަމް ވަނީ މިއަދުގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފަ އެވެ.
ދައުލަތާއި އެކު ހެދި އެއްބަސްވުމާއި ގުޅިގެން އަދުހަމްގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމުން މިހާރު އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަދުހަމްގެ އިތުރުން މި މައްސަލަައިގަ ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް