ދެ އަހަރުވީ ސިއްރު އެކަމަކު އެންމެންނަށް އެނގޭ ލޯބީގެ ގުޅުމަކަށް ފަހު ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލް ކައިވެނި ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކައިވެނި ކުރީވެސް އެމީހުން ގަބޫލު ކުރާގޮތުގައި ވަރަށް ސިއްރުންނެވެ. އެކަމަކު ދެމީހުން އެއްބަސްނުވި ނަމަވެސް މިދިޔަ ދެ މަހެއްހާ ދުވަހު މުޅި އިންޑިއާ މީޑިއާގައި ކެޓްރީނާގެ ކައިވެނީގެ ވާހާކަ ނޫނީ ނެތެވެ.
އިންޑިއާގެ ރާޖަސްތާނުގައި ކުރި އެ ކައިވެންޏަށް ފަހު ދެމީހުންގެ ފަރާތުން ދަނީ ނުފެންނަ ކަންތައްތަކެއް ފެންނަމުންނެވެ. ހާއްސަކޮށް މީގެ ކުރިން ދެމީހުންގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެކަކަކު އަނެކަކުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާ ނުކުރާ ދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް މިހާރު އޮތީ އޮޅޭ ހިސާބުގައި އެވެ.
ދެމީހުންގެ ކައިވެނި ރަސްމީކޮށް ސޯޝަލް މީޑިއާ ނެޓްވޯކް އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރީ އެއް ވަގުތެއްގައި އެއް ފޮޓޯތަކަކާއި އެކު އެވެ. ކޮންމެ މީހެއްގެ ޕޯސްޓުގައި ހަތަރު ވަރަކަށް ފޮޓޯ ހިމަނާފައި އިން އިރު ތަފާތީ އެންމެ ފޮޓޯ އެވެ.
އޭގެ ފަހުން އިއްޔެ ހާމަ ކުރީ ކައިވެނީގެ ހަފްލާގެ އުފާވެރި މަންޒަރުުތައް ކަމަށް ބުނެ މެހެނދީ ލާ ތަނެވެ. އޭގެ ފަހުން މިއަދު ވަނީ ކައިވެނީގެ ހަފްލާތަކުގެ ތެރޭގައި ނެށުމާއި މަޖާ ނެގުމުގެ ފޮޓޯތަކެއް ދެމީހުންގެ އިންސްޓަގްރާމްގައި އެއްވަގުތެއްގައި ޕޯސްޓުކޮށްފައި އެވެ.
ރީތި އެ ފޮޓޯތަކުން ހުރިހާ ނޫސްތަކެއްގެ މުނިފޫހިފިލިވުމުގެ ހަބަރުތަކުގެ ގަނޑުތައް ފުރާލާފައިވާއިރު ދެމީހުން އެއްވަގުތު އެއް ފޮޓޯތަކަކާއި އެކު އެއް ކެޕްޝަންއެއް ޖަހައި އިންސްޓަގްރާމް ޕޯސްޓު ކުރާތީ ކެޓްރިނާ އާއި ވިކީގެ އައިޑި އޮޅޭވަރުވެފައިވާ ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް