ހދ. ހަނިމާދޫން ގައި މިރެއިން ފެށިގެން ރެންޑަމް ސާމްޕަލް ނަގަން ހަނިމާދޫ ސިއްހީ މަރުކަޒުން ނިންމައިފި އެވެ.
ސިއްހީ މަރުކަޒުން ބުނީ ރަށުގައި ކޮވިޑްގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުން މިރޭ 19:00 އިން 21:00 އަށް އެ މަރުކަޒުގެ ރަސްމީ ގޭޓް ކުރިމަތީގައި ކުރިއަށްދާނެކަމަށެވެ. އަދި ރެންޑަމް ސާމްޕަލް ދެއްވަން ބޭނުންފުޅުވާ ބޭފުޅުން ކަނޑައެޅިފައިވާ ވަގުތުގައި ދުރުވެ ސާމްޕަލް ދެއްވުން އެދޭ ކަމަށެވެ.
މީގެ އިތުރުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާގޮތުން 11 ޑިސެމްބަރ ގައި ނެގުނު 73 ސާމްޕަލް ގެ ތެރެއިން 5 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފަ އެވެ. އެޔާއެކު ހަނިމާދޫގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 45 އަށް ވަނީ އަރާފަ އެވެ.
އެޗްޕީއޭއިން މިއަދު ވަނީ ހަނިމާދޫ މޮނީޓަރިންއަށް ލާފަ އެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް