2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފައި ނުވާނެކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ނާއިބުރައީސް އަހުމަދު އަކްރަމް މާތްﷲ ގަންދީ ހުވާކުރަށްވައިފިއެވެ.
އަކްރަމް މިގޮތަށް ހުވާކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އަކްރަމް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި މިވަނީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެފައިވާ ކަމަށް ބުނާ ރިޕޯޓެއް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި އެވެ.
އަކްރަމްގެ ޓުވީޓުގައި ވިދާޅުވީ، އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދެކެވޭ ކަމަށާއި، އިންތިޚާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ރައްޔިތުން ވޯޓުލާފައިވާ ގޮތަށް އެއްވެސް ބަދަލުކުރުމަކާ ނުލައިކަމަށް މާތްﷲ ގަންދީ ހުވާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވަނީ اللهގެ ޢަޛާބަށް ބިރުވެތިވެ ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފުމަށް އިލްތިމާސް ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި އޮޅުވާލި ކަމުގެ ވާހަކަ އަނެއްކާވެސް ފެށިފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅުން ކޯލިޝަނުން ބޭއްވި ކޮތަރުކޮށި ޖަލްސާގައި އިންތިހާބުގައި އޮޅުވާލިކަން އަސްކަރިއްޔާގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިންނަށް އެނގިވަޑައިގެންނަވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
އެ ޖަލްސާގައި ޔާމީން ވަނީ އީިސީގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށް އިންތިހާބު އޮޅުވާލި ކަމަށް ތުހުމަތު ކުރައްވާ އެއީ ހާއިނުންގެ ތެރެއިން އެންމެ ބޮޑު ހާއިނު ކަމަށް ވިދާޅުވެފައި އެވެ.
އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް ތަކުރާރުކޮށް ބުނެ އެކި ދުވަސްވަރު މަތިން އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އިން އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައި ވެއެވެ. މީގެ އިތުރުން އެ މައްސަލަ ސްޕްރީމް ކޯޓަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް ކޯޓުންވެސް ނިންމާފައި ވަނީ އިންތިޚާބުގެ ނަތީޖާ އަކީ ޞައްހަ ނަތީޖާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް