100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހެކި ނެތިގެން ދިވެހިން ދޫކޮށްލާ، ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުގައި ތިިބި ހުރިހާ ދޫކޮށްލާ، ބިދޭސީންގެ ބަންދުގެ މުއްދަތު ދަމަހައްޓައިފި އެވެ. ދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯ...

12 Dec 2021 | 08:28

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުގައި ތިިބި ހުރިހާ ދޫކޮށްލާ، ބިދޭސީންގެ ބަންދުގެ މުއްދަތު ދަމަހައްޓައިފި އެވެ.

ދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯގެ ޑްރަގުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ތިބީ ތިން ދިވެހިން ނެވެ. އެ މައްސަލައިގާ ބަންދުގައި ތިބި ބިދޭސީންގެ ބަންދު ކްރިިނަލް ކޯޓުން ދަމަހައްޓާފައިވަނީ އިއްޔެ އެވެ.

ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ފުރަތަމަ ހައްޔަރުކުރީ 10 މީހުން ނެވެ. އަދި އޭގެ ތެރެއިން ފުލުހުން ވަނަވަރު އާންމުކޮށާްފައިވަނީ އަށްމީހުންގެ އެވެ.

އެއަށްފަހު،  ފަހަރަކު މީހަކު ކޯޓުން ދޫކޮށްލަމުން އައިސް، އިއްޔެއާ ހަމައަށް ހައްޔަރުކޮށްފައި ތިބީ ފަސް މީހުން ނެވެ. އެއީ ތިން ދިވެހީންނާއި ދެ ބިދޭސީން ނެވެ.

އެ މައްސަލައިގައި ފަހުން ބަންދުގައި ތިބި މީހުންނަކީ ޖުމާން މުސްތަފާ (19އ.): ނ. ވެލިދޫ، ބީޗްހެވެން، މުހައްމަދު އަހްމަދު (34އ): ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު ހުސައިން (61އ): ދ. ބަނޑިދޫ، ޕޮލަރިސް އާއި ބަންގްލަދޭޝްގެ ދެމީހުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (35އ): އަދި ޑީއެމް މޮބިން (24އ) އެވެ.

ބަންދުގައި ތިބި ދިވެހީން ދޫކޮށްލަން އަމުރުކުރަން ނިންމި ސަބަބެއް ކަމަށްވަނީ ތަހުގީގު މަރުހަލާ ނިމުނު އިރު ވެސް  ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވޭނެ ހެކިތަކެއް ފުލުހުންނަށް ދެއްކިފައި ނުވުމެވެ.

ތިން ދިވެހީންގެ ކުޑަކަމުދާތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިނަމަވެސް އެއީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ނޫން ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

މީގެ އިތުރުން އެ އަމުރުގައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކާ އެ ތިން މީހުން ގުޅާފައިވާކަން އަންގައިދޭ ކޯލް ޗާޓެއް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ލިޔުމުން ތުހުމަތުކުރެވޭ މީހުންނަށް އެ ތިން މީހުން ގުޅާފައިވާކަން އެނގެން އޮތް ނަމަވެސް، އެ މީހުންނާ ގުޅައި ދައްކާފައި ހުރި ވާހަކަތަކުގެ ތަފްސީލެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި ރަފީގުލް އިސްލާމް އަދި ޑީއެމް މޮބިންގެ ބަންދަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ އިތުރު 10 ދުވަސް ދެއްވާފަ އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުތަކުގައި ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް