އިންްޑިއާއިން މިހާތަނަށް ފެނުނީ ކޯވިޑް-19ގެ އެންމެ ފަހުގެ ވޭރިއެންޓު ކަމަށްވާ އޮމިކްރޯންގެ 33 ކޭސް ކަމަށް ކަމާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެންމެ ގިނަ އޮމިކްރޯން ކޭސްތައް ފެނިފައިވަނީ މަހާރާޝްޓްރާ ސްޓޭޓުން ކަމަށެވެ. އެ ސްޓޭޓުން ކޯވިޑް ޖެހުނު 17 މީހަކު އޮމިކްރޯންއަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ދޮޅު މަހުގެ ކުއްޖެއްވެސް ހިމެނެ އެވެ.
އެކަމަކު ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އޮމިކްރޯންއަށް ޕޮސިޓިވްވި މީހުންގެ ހާލު ރަނގަޅު ކަމަށާއި މާބޮޑު އަލާމާތެއް ނުފެނި އެންމެންވެސް ބަލިން ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތުދެ އެވެ.
ދެން އޮމިކްރޯންއަށް ޕޮސިޓިވްވެފައިވަނީ ރާޖަސްތާން، ގުޖުރާޓު، ވެރިރަށް ނިއުދިއްލީ އަދި ކަރްނާޓަކާއިންނެވެ.
އޮމިކްރޯން އެންމެ ފުރަތަމަ ފެނުނީ ސައުތް އެފްރިކާއިންނެވެ. މިހާތަނަށް އެ ވޭރިއަންޓު 30 އަށްވުރެ ގިނަ ގައުމުން ފެނިފައިވެ އެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓު ފެތުރޭލެއް އަވަހެވެ. އެކަމަކު ޑެލްޑާ ވޭރިއަންޓުހާ ނުރައްކާ ނޫން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް