ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މޫސުން ގޯސްވެ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މިއަދު ހަވީރު 16:30 އާއި ހަމައަށެވެ
މި ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ގޯސް ވެފައިވާތީވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް މި ދުވަސްވަރު އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށް ވާރޭވެހޭ ވަރަށް ވުރެ މަދުން ވާރޭ ވެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް