ހުޅުމާލޭގެ ތަރައްޤީގެ އެއްމެހާ ކަންކަން ކުރަމުން ގެންދާ ހައުސިންގ ޑެވެލެޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް، 11 ޑިސެމްބަރ 2021 ގައި އިފްތިތާހު ކޮށްފިއެވެ.
މި ބްރޭންޑް އިފްތިތާހު ކުރީ މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރެވެ.
މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޒް އިސްމާއީލް ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނަރ ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ، މީޑިއާނެޓްގެ އިސް ވެރިންނާއި ސްމާޓް ސިޓީގެ މަސައްކަތްތަކުގައި މި ވަގުތު އެޗް.ޑީ.ސީ އާއެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި އެކުންފުނީގެ އިސްވެރިން އަދި މިކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރި ވިއެވެ.
އެޗްޑީސީން ވިދާޅުވީ ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނޭ ކަމުގައެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒެވެ.
މީގެ އިތުރުން ޓެކްލޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނެއެވެ.
ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސް ތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެކަމުގައި އެޗްޑީސީން ހާމަ ކުރެއެވެ.
ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައި އެޗްޑީސީން ވިދާޅުވެއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗް.ޑީ.ސީއިން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއި އެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ.
އެޗް.ޑީ.ސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް