ޕްރިމިއާ ލީގު: ލިވަޕޫލާއި ޗެލްސީ އަދި ސިޓީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އެސްޓަން ވިލާ އަތުން 1-0 ގެ ނަ...

12 Dec 2021 | 04:26

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އެސްޓަން ވިލާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ފަހުހާފުގައި ލިވަޕޫލުން ކާމިޔާބު ކޮށް މެޗުގެ ލީޑު ނެގީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ލީޑްސް ޔުނައިޓެޑް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ލީޑްސްއަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މޭސަން މައުންޓް ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޗެލްސީން ލީޑު ނެގީ ދެވަނަ ހާފުގެ  58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ޖޯ ގެލްހާޑްޓް ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު އިރު، ސިޓީން މި މެޗުގައި މޮޅުވި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުން މެޗުގެ ފަހުހާފުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންއެވެ.

ރޭގެ ނަތީޖާތަކާއި އެކު ހަތަރު ޕޮއިންޓުގެ ލީޑަކާއި އެކު ސިޓީ ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ. ދެވަނައިގައި ލިވަޕޫލް އޮތް އިރު، އެޓީމަށް ދެވަނަ ލިބެނީ ކުޅުނު 16 މެޗުން 37 ޕޮއިންޓް ލިބިގެންނެވެ. އަދި ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު 16 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް