އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ތާވަލުގެ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ނޯވިޗް ސިޓީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ރޭ ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވިއިރު، މިއީ އެ ޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑް މޮޅުވި ދެވަނަ މެޗެވެ. ރަންގްނިކްގެ ކޯޗުކަމުގައި މިހާތަނަށް ލީގުގައި ޔުނައިޓެޑް ކުޅުނީވެސް ދެ މެޗެވެ. މި ދެމެޗުންވެސް މި ވަނީ މޮޅުވެފައެވެ.
ރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑު ޖަހާ ލީޑުނެގި އިރު، އެޓީމުން މި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ނޯވިޗުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ހަތަރު ވަނާގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމަށް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މީގެން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް