އަތޮޅު ތެރޭގައި ހަލުވިކަމާއި އެކު ފަސް ރަށެއްގައި ކޯވިޑް-19 ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގައި ކޯވިޑް އޮތީ ވަރަށް ބޮޑަށް ކޮންްރޯލް ކޮށްފަ އެވެ. 50 އަށްވުރެ ގިނަ މީހުން މާލެއިން ޕޮސިޓިވް ނުވާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިއްޔެ ބަލި ޖެހިފައިވަނީ 20 މީހުންނަށެވެ.
އެކަމަކު އަތޮޅުތެރޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށެއް ނުވެ އެވެ. މިދިޔަ ތިން ދުވަހަށް ބަލާއިރު ބުރާސްފަތި ދުވަހު އަތޮޅު ތެރެއިން 93 މީހުންނަށް، ހުކުރު ދުވަހު 63 މީހުން އަދި އިއްޔެ 188 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ބަލި ޖެހުނު މީހުންގެ ތެރެއިން 29 މީހުންނަކީ ނ. މާފަރުން ކޯވިޑް ޖެހުނު މީހުން ކަމަށެވެ. ތ. ވިލުފުށިން 27 މީހުން އަދި ދ. ކުޑަހުވަދޫއިން 26 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ދެން އިއްޔެ އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ ހއ. ދިއްދޫއިން 21 މީހުންނާއި ހދ. ހަނިމާދޫއިން 16 މީހުންނެވެ.
ކޯވިޑް ފެތުރޭތީ މިވަގުތު ބަލި ކޮންޓްރޯލް ކުރުމަށް 12 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އޭގެ ތެރެއިން އެންމެ ފަހުން މޮނިޓަރިންއަށްލީ މާފަރެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން 93،064 މީހުން ކޯވިޑް ޖެހިފައިވެ އެވެ. އަދި ބަލި ޖެހުނު 90،861 މީހުން ރަނގަޅުވެފައިވާއިރު 257 މީހުން ވަނީ ކޯވިޑް ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް