އެމެރިކާގެ ތާރީހުގައިވެސް މިހާތަނަށް އެރި އެންމެ ބޮޑު ނަގޫރޯޅި އެ ގައުމުގެ ފަސް ސްޓޭޓަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ނަގޫ ރޯޅި އަރާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ކެންޓަކީ ސްޓޭޓްގެ ސަރަހައްދުތަކަށެވެ. އެ ސްޓޭޓްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ހަމައެކަނި އެ ސްޓޭޓުން 70 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި އުއްބައްތި އުފައްދާ ފެކްޓްރީއެއްގައި މަސައްކަތް ކުރަން ތިބި ގިނަ އަދަދެއްގެ ބަޔަކާއި އެމޭޒޮންގެ ވެއާ ހައުސްއެއްގައި ޑެލިވަރީ ކުރަން އެއްޗެހި ތައްޔާރު ކުރަން ތިބި ބަޔަކު ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ނަގޫ ރޯޅިއެއް އަރައި އެވަރުގެ ބޮޑު ގެއްލުމެއް ލިބުމުން ކުއްލި ޝޮކެއް ޖެހުނު ކަމަށެވެ. އަދި އެއީ އެމެރިކާގެ ތާރީހުގައި އެރި އެންމެ ވަރުގަދަ ނަގޫ ރޯޅި ކަމަށް ވިދާޅުވި އެވެ.
10،000 މީހުން ދިރިއުޅޭ ކުޑަ ކުޑަ ޓައުނެއްގެ އާންމުން މީޑިއާގައި ބުނެފައިވަނީ ނަގޫ ރޯޅި އަރައިގެން ދިޔައިރު ބިން މަތީގައި އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ކާރުތަކާއި ގެތަކާއި އެނޫންވެސް ބިން މަތީގައި ނުގުޑާގޮތަށް ހަރުކޮށްފައި ހުރި ހުރިހާ އެއްޗެއް އުފުރިގެން ބުރައިގެން ދިޔަ ކަމަށެވެ.
މިހާތަނަށް ނަގޫރޯޅި އެރި ސްޓޭޓްތަކުން 80 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މި އަދަދު 100 އިން މަތިވާނެ ކަމަށް ލަފާ ކުރެ އެވެ. ރެސްކިއު ޓީމުތަކުން ދަނީ މެދުކެނޑުމެއް ނެތި ހަލާކުވެފައިވާ ގެތަކާއި ފުރޮޅާލާފައިވާ ކާރުތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާގޮތުގައި ނަގޫރޯޅީގޭ ވައި ދަތުރުކޮށްފައިވަނީ 227 މޭލު ބާރުމިނުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް