އަންނައަހަރުގެ "ގޯލްސް" ހާޞިލްކުރާނީ ކިހިނެއް؟

ކޮންމެ އައުއަހަރެއް ފެށިގެންދަނީ ކޮންމެ މީހަކުވެސް އާލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް އަޒުމުކަނޑައެޅިގެންނެވެ. ނުވަތަ އައުއަހަރުގެ "ގޯލްސް"ތަކެއް ކަނޑައެޅިގެންނެވެ. ނަމަވެސް މިގޮތަށް ކަނޑައެޅޭ "ގޯލްސް"...

12 Dec 2019 | 06:40

ކޮންމެ އައުއަހަރެއް ފެށިގެންދަނީ ކޮންމެ މީހަކުވެސް އާލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް އަޒުމުކަނޑައެޅިގެންނެވެ. ނުވަތަ އައުއަހަރުގެ "ގޯލްސް"ތަކެއް ކަނޑައެޅިގެންނެވެ. ނަމަވެސް މިގޮތަށް ކަނޑައެޅޭ "ގޯލްސް"ތަކުން އަހަރު ނިމެންވާއިރަށް ތިމާއަށް ހާޞިލްކުރެވެނީ ކިތައް ލަނޑުދަނޑިހެއްޔެވެ؟ ހަމައެކަނި ލިސްޓެއްހަދާ އޭތި ފޭސްބުކަށްލުމަށްފަހު އެލަނޑުދަނޑިތައް ހާޞިލްކުރުމަށް މަސައްކަތްކުރެވޭހެއްޔެވެ؟ އަހަރު ފެށޭއިރު އެހުންނަ ބުންވަރާއި އެލަނޑުދަނޑިތައް ހާޞިލްކުރުމަށް ބޭނުންވާ ހިތްވަރު ނެތިދަނީހެއްޔެވެ؟ "ތިމަންނަ އަދިވެސް މިއުޅެނި 2016ވަނަ އަހަރު ނުވަތަ 2017ވަނަ އަހަރު ހާޞިލްކުރަން ބޭނުންވި ކަންކަން ނުވެއޭ" މިފަދައިން ކިތަންމެ މީހެއް އެބަ ބުނެއެވެ. އަހަރު ފެށޭއިރު އެހުންނަ ބުންވަރާއި އެލަނޑުދަނޑިތައް ހާޞިލްކުރުމަށް ބޭނުންވާ ހިތްވަރު ނެތިދަނީހެއްޔެވެ؟ ޤަބޫލުކުރަމެވެ. އެކިމީހުންނަށް ޙަލަތާއި ތަޤުދީރު ނިޔާކުރާނީ އެކިގޮތަށެވެ. ތިމާ ރާވާހާގޮތަކަށް ތަޤުދީރެއް ނޯންނާނެއެވެ. ނަމަވެސް ތިމާ އެކަށައަޅާ ލަނޑުދަނޑިތައް ހާޞިލްނުކުރެވުމުން މިއި ބަހަނާއެއްހެއްޔެވެ؟

ލަނޑުދަނޑިއެއް ހާޞިލްކުރަން ވިސްނާއިރު މި އަހަރު ތިމަންނަ މިވެނިކަމެއް ކުރާނަމޭ ކަނޑައެޅުމުގެ ބަދަލުގައި، މިއަހަރުގެ މިވެނި މަހެއްގެ ކުރިން ތިމަންނަ އެކަމެއް ކުރާނަމޭ ކަނޑައަޅާށެވެ. އަދި އެމަހެއް އަންނަންވާއިރަށް އެކަން ނިންމަން މަސައްކަތް ކުރާނެގޮތް ރާވައިލާށެވެ.. މިސާލަކަށް މިފެށޭ އަހަރު އަހަރީ ޗުއްޓީގައި ޤައުމުން ބޭރަށް ދާން ކަނޑައަޅައިފިނަމަ، އަހަރީ ޗުއްޓީނަގާނީ ކޮންމަހެއްގައިތޯ ނިންމާށެވެ. އަދި ދާން ބޭނުންވާ ޤައުމަށްދާން އެއްކުރަން ޖެހެނީ ކިހާ ފައިސާއެއްތޯ ބަލައި އެފައިސާ އެއްކުރާން ޢަމަލުކުރާނެގޮތެއް ރާވާށެވެ. މިސާލަކަށް، އަހަރީ ޗުއްޓީ ނަގަނީ އޮގަސްޓުގައިކަމަށްވާނަމަ، އަދި ދަތުރަށް ޚަރަދުވާނެކަމަށް ބެލެވެނީ ގާތްގަނޑަކަށް 15،000.00 ކަމުގައިވާނަމަ، ޖެނުއަރީއިން ފެށިގެން ކިހާ ފައިސާއެއް އެއްކުރަން ޖެހޭނެތޯ ވިސްނައި، ކޮންމެ މަހަކުވެސް ތިމާ ޚަރަދުކޮށް އެއްކުރާނެ މިންވަރެއް ކަނޑައަޅާށެވެ. މިފަދަ ގޮތަކަށް ޢަމަލުކުރުމުން ފަހުން އެދަތުރުނުދެވިގެން "ވައި" ވެގެން އުޅޭކަށް ނުޖެހޭނެ ނޫންހެއްޔެވެ؟

ލަނޑުދަނޑިއެއް ހާޞިލްކުރުމަށްތަކާ އެހެންމީހަކާއެކު މަސައްކަތްކުރުމަކީވެސް އެލަނޑުދަނޑިއެއް ހާޞިލްކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެއެވެ. މިސާލަކަށް މިއަހަރު ތިމަންނާ ބޭނުންވަނީ ގިޓާކުޅެން ދަސްކުރަންކަމަށްވާނަމަ، ގިޓަކުޅެން ދަސްކުރަން ވަރަށް ބޭނުންވެފައިހުރި އެހެން ރަޙުމަތްތެރިއަކާއި އެކީ އެމަސައްކަތްފަށާށެވެ. މިފަދަ މީހެއް ނެތްނަމަ ގިޓާކުޅެން އެނގޭ ރައްޓެއްސަކާއެކީ ގިނަ ވަގުތު ހޭދަކުރާށެވެ. މިފަދަ ރައްޓެއްސެއް ނެތްނަމަ ކުލާހެއްގއި ބައިވެރިވާށެވެ. މިފަދައިން ލަނޑުދަނޑިހާޞިލްކުރަން މަސައްކަތްކުރުމަކީވެސް އަހަރު ނިމެންވާއިރަށް އެލަނޑުދަނޑިއެއް ހާޞިލްކުރެވިދާނެގޮތެކެވެ.

ތިމާ ކަނޑައަޅާ ލަނޑުދަނޑިތައް މާގިނަ މީހުންނާއި ޚިއްސާނުކުރާށެވެ. އެސްފީނާއަކީ ޙަޤީޤަތެކެވެ. ކިތަންމެ ގާތްމީހެއްގެ ފަރާތުންވެސް އެސްފީނާޖެހިދާނެއެވެ. އެއީ ކިތަންމެ ހިތްހެޔޮ މީހަކަށް ވިޔަސް. ހަމަ މިބީދައިން އެކަކު އަނެކަކަށް ހަސަދަލުމަކީވެސް އިންސާނުންގެ ތެރޭގައި އޮންނަ ވަރަށް ނޭދެވޭ ސިފައެކެވެ. ވީމާ މިދެކަމުން ސަލާމަތްވުމަށްޓަކާ ތިމާގެ ލަނޑުދަނޑިތައް މާގިނަ މީހުންނާއި ޚިއްސާނުކުރާށެވެ. ޚާއްސަކޮށް ކައިވެނިކުރުމާއި، ދަރިން ހޯދުމާއި، ދިގުދަތުރުތައްކުރުމާއި، ވިޔަފާރިއެއްފެށުމާއި، މުބަރާތްތަކުން ވަނަތައް ހާޞިލްކުރުންފަދަ ކަންކަންކުރަން ކަނޑައަޅާނަމަ އެފަދަ ވާހަކަތައް ކޮންމެހެން ޚިއްސާކުރަން ޖެހޭ ފަރާތްތަކާނޫނީ ޚިއްސާނުކުރުން ބުއްދިވެރިއެވެ.

ނަމަވެސް މިފަދައިން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެވެސް މީހަކާ ޚިއްސާކުރާށެވެ. އެމީހާވާން ޖެހޭނީ ތިމާގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ތިމާއަށް ހިތްވަރުދޭނެ އަދި ހަނދާންކޮށްދޭނެ މީހަކަށެވެ. މިފެށޭ 2020ށް ތިފަރާތްތަކުން އެކަށައަޅާ ލަނޑުދަނޑިތައް ހާޞިލްކުރަން ވިސްނަނީ ކިހިނެއްތޯއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް