ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އަނެއްކާވެސް ޗައިނާއަށް ފާޑުވިދާޅުވެފައެވެ. އަދި ޗައިނާގެ ދަރަނީގެ ދަންތުރައިން ސަލާމަތްވާން ތައްޔާރަށް އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޗައިނާ އަށް ފާޅުގައި ފާޑުވިދާޅުވަމަކީ އެމަނިކުފާނު އަބަދުވެސް ކުރައްވާ ކަމެކެވެ.
ދިވެހި ރާއްޖޭގެ ތަރައްގީއަށް ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައި ވަނީ ޗައިނާގެ ލޯން އަދި ހިލޭ އެހީގެ ތެރެއިންނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ ސިނަމާލެ ބްރިޖެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ވަނީ ޗައިނާ އާއި ވަރަށް ގާތް ގުޅެއް ގާއިމުކޮށްފައެވެ. އަދި ޗައިނާގެ އެހީތެރިކަން އެކި ގޮތްގޮތުން އޭރުގެ ސަރުކާރަށް ވަނީ ލިބިފައެވެ.
ރައީސް ނަޝީދުގެ ވާހަކަ ޖުމްލަ ގޮތެއްގައި ރަނގަޅެވެ. އެއްވެސް ގައުމަކުން ލޯނު ނެގުމުގައި ހައްދުފަނަހަނައަޅައިގެން ނުވާނެއެވެ. ގައުމުގެ ދަރަނި އަތް ނުފޯރާ ފަށަށް ބޮޑުކޮށްގެން ނުވާނެއެވެ. އެހެނަސް މިހާރު ފެންނަނީ އެހެން މަންޒަރެކެވެ. ޗައިނާގެ ބަދަލުގައި މި ސަރުކާރުން ދަނީ އިންޑިއާ އިން އެކި ލޯނުތައް ނަގަމުންނެވެ. އެހެނަސް ފާހަގަކޮށްލަންޖެހޭ ކަމަކީ އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ވެސް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމެވެ. އެހެނަސް ލޯނުގެ ގޮތުގައި އިންޑިއާއިންދޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެ ސީދާ އަދަދެއް އަދި ބުނަން އުދަނގުލެވެ.
ހަގީގަތަކީ ރައީސް ޔާމިން ސަރުކާރުގަ ވެސް މި ސަރުކާރުގަ ވެސް ފެންނަނީ އެއް މަންޒަރަކެވެ. އެއް ގައުމަކުން ލޯނު ނެގުމުގައި ހައްދުފަހަނައަޅާ ދަނީއެވެ. ޗައިނާ އެއް ލޯނު ނެގިއަސް އިންޑިއާއިން ލޯނު ނެގިއަސް ލޯނު ވާނީ ލޯނަށެވެ. މި ދެ ގައުމުން ވެސް ރާއްޖެ ޖައްސަން އުޅެނީ ދަރަނީ ދަންތުރާގައެވެ. މިތަނުން ވަކި ގައުމެއްގެ ދަންތުރަ ރަނގަޅުވެފަ އަނެއް ގައުމުގެ ދަންތުރަ ގޯސްވާންވީ ސަބަބެއް ނެތެވެ. ޗައިނާ 'އޯކޭ' ނުވެ އިންޑިއާ 'އޯކޭ' ވަންޏާ އޭގައި އެ އޮތީ އަދި އެހެން މަސްލަހަތެކެވެ. ޗައިނާގެ ދަންތުރައިން ސަލާމަތްވެ އިންޑިއާގެ ދަންތުރައަށް ދާން ވިސްނުމަކީ ކޮސް ވިސްނުމެކެވެ. މަސައްކަތްކުރަންވީ ދަރަނިތަކުން ސަލާމަތްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް