ޑރ. މުއިއްޒު އާދެކޮޅަަށް އޭޖީ އިން ހުށަހެޅި ޖިނާއީ މައްސަލައިގެ ތަހުގީގު ފަށައިފި

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާދެކޮޅަަށް އޭޖީ އިން ހުށަހެޅި ޖިނާއީ ތަހުގީގު ފަށައިފިއެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އޭޖީ އޮފީހު...

12 Dec 2019 | 05:12

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާދެކޮޅަަށް އޭޖީ އިން ހުށަހެޅި ޖިނާއީ ތަހުގީގު ފަށައިފިއެވެ.

އެހެންނަމަވެސް މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އޭޖީ އޮފީހުން މި މަހުގެ 9 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާ ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައިގާ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައިވަނީ އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށެވެ.

ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.

ނޫމަޑި މައްސަލާގައި ދޮގު މައުލޫމާތު ދެއްވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ޕޮލިހުގައި ބަންޑާރަ ނާއިބު އެދުނުއިރު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލު ދޭން ނިންމި މައްސަލައިގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވެސް ވަނީ ފާސްކޮށްފައެވެ. އަދި ކޮމެޓީއަށް މުއިއްޒު ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލަވެސް ޕޮލިހަށް ހުށަހަޅަން ކޮމެޓީން ވަނީ ނިންމާފައެވެ.

ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި މުއިއްޒާއި މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށް މުއިއްޒު ވަނީ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ބަޔާން ހަވާލުކުރީ ކާކުގެ އަތަށްކަމެއް އޭނާއަށް ނޭނގޭ ކަމަށްވެސް ކޮމެޓީގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް