ލ. ފޮނަދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދާއިރާގެ މެމްބަރު މޫސާ ސިރާޖާއެކު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި މި ރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު މޫސާ ސިރާޖްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ލ. އަތޮޅުގެ ކައުންސިލް މެމްބަރުންނާއި ފޮނަދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތަކީ 300 ދުވަހުގެ ތެރޭގައި ބިނާކުރުމަށް އިނޯކާ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދަކީ މާތް ﷲގެ ރަހުމަތާއެކުގައި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި އިސްލާމީ މުޖްތަމައެއްގައި އެބައިމީހުންނަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބަކީ، އެންމެ ބޮޑު އުފަލަކީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ﷲ ސުބްހާނަހޫ ވަތައަލާއަށް ހެޔޮގޮތުގައި އަޅުކަން ކުރެވޭނެ ރަނގަޅު ބިނާއެއް އެބައެއްގެ މުޖްތަމައުގައި ބިނާ ކުރެވިގެން ދިއުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މި މިސްކިތަކީ ރަށު ރައްޔިތުން އަދި އަވަށު ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ މިސްކިތެއް ކަމަށާއި ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވެފައިވަނިކޮށް މިކަން ފެށޭއިރު މިކަމަކީ ރިޔާސީ އިންތިހާބުގަވެސް އަދި މަޖިލިސް އިންތިހާބުގައިވެސް ރަށުގެ ރައްޔިތުންނަށް ޔަގީންކަން އަރުވާފައިވާ ވައުދެއް ކަމުގައިވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ނިންމުމަށް 300 ދުވަސް އޮތް ނަމަވެސް އަންނަ ރަމަޟާން މަހަށް މިސްކިތުގައި ނަމާދު ކުރެވޭވަރު ކޮށްދޭނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން އަރުވާފައިވާކަމަށާއި އަދި އެކަން އެގޮތަށް ކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ކިބައިން އެދިލައްވާ ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތް މިހާ އަވަހަށް ފެށިގެން ދިޔަ ދިއުމަކީ ސަރުކާރުން އިސްލާމް ދީނަށް ދެއްވާ އަހަންމިއްޔަތު ފެނިގެންދާ ފުރިހަމަ މިސާލެއް ކަމުގައިވެސް ދާއިރާގެ އެމްޕީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ ފޮނަދޫ ކުރިގަމު އަވަށުގެ ސަރަހައްދަށް މިސްކިތެއްގެ ބޭނުން ޖެހިފައި އޮތް މި ދަނޑިވަޅުގައި މިނިސްޓްރީގެ ފަރާތުންނާ އަދި ދާއިރާގެ މެމްބަރުގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު މިއަދު މިކަން ވުޖޫދުވެގެން ދިއުމަކީ ފޮނަދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ.
މިއަދުގެ ސަރުކާރުން ހާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ބަހައްޓާ އިސްނެންގުވުމާ ދިނީ ކަންކަން ދިރުވާ އާލާ ކުރުމަށް ގެންދުޅުއްވާ ސިޔާސަތު ފާހަގަކޮށް ފޮނަދޫގެ ރައްޔިތުންގެ ނަމުގައި ހާއްސަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާކަމުގައިވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް