ބުޅަލުގެ ނަޖިހުން ޖެހޭ ބައްޔެއް ކަމުގައިވާ ކިއުޓޭނިއަސް ލާވާމައިގްރޭންސް އަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ބައްޔަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށެވެ. ބުޅަލުގެ ނަޖިހުން ޖެހޭ މިބަލިން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުއްވުމަށާއި އަދި ބަލި ޖެހިއްޖެނަމަ ވީއެންމެ އަވަހަކަށް ސިއްހީ އެހީތެރިންގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވާއިރު ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. އަބްދުﷲ ޖުނައިދު އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އޭގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ޑރ. ޖުނައިދު އިލްތިމާސް ކުރައްވާފައިވެއެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވާގޮތުގައި ލާވާ މައިގްރަންސް ބައްޔަކީ ބުޅަލުގެ ނަޖިހުން އަދި ވެލީގެ ޒަރިއްޔާއިން ފެތުރޭ ހަމުގެ ބައްޔެކެވެ. ފަރުވާ ކުރެވޭ އަދި ފަސޭހައިން ރަނގަޅުވާ ބައްޔެކެވެ.
ރައްކާތެރިވުމަށް ކުރަންވީ ކަންކަން ކަމުގައި އެޗްޕީއޭއިން ބުނެފައިވާ ކަންކަން:
01 ހުސްފައިގާ މަގުމަތީގައާއި ވެލީގައި ނުހިނގުން
02 މަގުމަތީ އުޅޭ ބުޅަލުގައި އަތް ނުލުން އަދި ބުޅަލުގެ ނަޖިހާ ދުރުވުން
03 ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑީވޯމް ކުރުން އަދި އޭގެ ލިޓާރ ބޮކްސް ސާފުކުރާއިރު އަންގި ލުން އަދި ސާފު ކުރުމަށް ފަހު ސައިބޯނި ލައިގެން އަތް ދޮވުން
04 ކުޑަކުދިން ޕާކުފަދަ ތަންތާނގައި އުޅޭއިރު ވެއްޔާ ކުޅުނަ ނުދިނުން
05 ގިނަ ގިނައިން ސައިބޯނިލައިގެން އަތް ދޮވުން
06 ހަމުގައި މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
https://twitter.com/HPA_MV/status/1193517831595257856
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް