ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ބެލުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.
ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ މައްސަލަ ބަލައިދިނުމަށް ބެންޗެއް އެކުލަވައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ރައީސް ޔާމީނުގެ މައްސަލަ ބެލުމަށެވެ.
ކްރިމިނަލް ކޯޓުން އެކުލަވައިލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ މިހާރު އެކޯޓު ހިންގުމާއި ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުންތައް ނިމިފައިވާއިރު މި މަހުގެ ފަސްވަނަ ދުވަހަކީ އެމަނިކުފާނަށް ހުކުމް ކުރުމަށް އޮތް ދުވަހެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސްގާޒީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައެއްގައި ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑު ކުރައްވާފައެވެ. އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކަށް ލީ ފޮޓޯ ޕޯސްޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު އޮޅާފައިވާ މަންޒަރު އެ ފޮޓޯއިން ފެންނާތީއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން އޮތީ މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް