އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފަށައި ޖަގަހަ ހުޅުވައިފި

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ރަސްމީކޮށް ކެމްޕޭނު ފައްޓައިވައިފިއެވެ. ކެމްޕެއިން ރަސްމީކޮށް ފެއްޓެ...

12 Nov 2019 | 07:03

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ރަސްމީކޮށް ކެމްޕޭނު ފައްޓައިވައިފިއެވެ.

ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ކަންބޮޑުވުންތައް ވަރަށް ގިނަކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެމްޑީޕީ މެންބަރުންގެ މެދުގައި އުފެދިފައިވާ ދުރުކަމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެކަމުގެ ހައްލަކީ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވުން ކަމުގައެވެ.

އަސްލަމް ވިދާޅުވީ ޕާޓީގެ ނައިބު ރައީސް ކަމަށް އޭނާ އިންތިޚާބު ވެއްޖެނަމަ މެމްބަރުންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު ކޮންގްރެސް ބާއްވައި ޕާޓީގެ ގޮފިތައް އިންތިޒާމް ކުރާނެ ކަމުގައެވެ. އަސްލަމް ވިދާޅުވީ، އޭގެސަބަބުން ގޮފިތަކާއި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް އެނގުމުގެ އިތުރުން، މަގާމުތަކަށް މީހުން ހޮވުމުގައި ކޮންގްރެސްގެ ބައިވެރިވުން ލިބޭނެ ކަމުގައެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ޕާޓީތެރޭގައި ޖެހޭ މައްސަލަތައް ހަމަހަމަކަންމަތީ ވަކި މީހެއްގެ މޫނަށް ނުބަލައި ހައްލުކުރާނެ ކަމަށާއި، ކޮމިޓީއަށް އަންނަ ހުރިހާ މައްސަލައަކީ އެމްޑީޕީގެ ގަވާއިދުގެ ތެރެއިން އަވަހަށް ބަލަން ޖެހޭ ކަންކަން ކަމަށެވެ.

އެމްޑީޕީގެ އަމިއްލަ ބިމެއްގައި ޕާޓީގެ އޮފީސް އަދި ޖަގަހަތައް ނުހުންނަ ކަމަށް ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ޕާޓީ ރަގަޅަށް ހިންގޭނީ އަމިއްލަ ބިމެއްގައި އެފަދަ ތަންތަން ގާއިމުކޮށްގެން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަސްލަމާއި ވާދަކުރަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި މިހާރުގެވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރުވެސް އެޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް