މިއީ 18 ފަހަރު ފެއިލްވުމަށްފަހު ގްރެޖުއޭޓްވި މެލޭޝިއާ ދަރިވަރެއް

ފެއިލްވުމަކީ ލަދުގަންނަން ޖެހޭވަރު ކަމެއް ނޫން ކަމަށާއި ކޮންމެވެސް ދުވަހަކު ކާމިޔާބު ލިބޭނެކަން މެލޭޝިޔާއަށް އުފަން މުހައްމަދު ރާފިޤް ހާމަކޮށްދީފިއެވެ. 25 އަހަރުގެ ރާފިޤް ކިޔެވީ މެލޭޝިއާގެ ޝާހް އާލަމް...

12 Nov 2019 | 05:02

ފެއިލްވުމަކީ ލަދުގަންނަން ޖެހޭވަރު ކަމެއް ނޫން ކަމަށާއި ކޮންމެވެސް ދުވަހަކު ކާމިޔާބު ލިބޭނެކަން މެލޭޝިޔާއަށް އުފަން މުހައްމަދު ރާފިޤް ހާމަކޮށްދީފިއެވެ.

25 އަހަރުގެ ރާފިޤް ކިޔެވީ މެލޭޝިއާގެ ޝާހް އާލަމްގައި ހުންނަ ޓެކްނޮލޮޖީ މަރަ (ޔޫއައިޓީއެމް) ޔުނިވަރސިޓީން ބެޗެލާސް އޮފް ލޯ އެވެ. އޭނާ ގްރެޖުއޭޓް ވެފައި ވަނީ 18 ފަހަރު ފެއިލް ވުމަށްފަހު އެވެ.

މެލޭޝިއާގެ ނޫހަކަށް ދާދިފަހުން ރާފިޤް ދިން އިންޓަވިއުއެއްގައި ބުނީ، 18 ފަހަރު ފެއިލްވި ނަމަވެސް އެންމެ ފަހަރަކުވެސް އުންމީދު ކަނޑައިނުލާ ކަމަށާއި، ފެއިލްވާ ކޮންމެ ފަހަރަކު މުޅިން އާ އަޒުމަކާ އެކީ އަލުން ކިޔަވަން ފަށަނީ މުޅިން އާ ހިތްވަރަކާ އެކީ ކަމަށެވެ.

ނަމަވެސް އެއްފަހަރު އާއިލާ އަދި އެކުވެރިންގެ ޕްރެޝަރ އައިސްގެން އަމިއްލައަށް މަރުވަން ހިތަށް އެރި ކަމަށާއި، ކާރު ދުއްވަމުން ދިޔައިރު އަމިއްލައަށް ކާރު ތަނަކު ނުވަތަ އެއްޗަކު ޖައްސަން ހިތަށްއެރި ވަގުތެއްވެސް ދިޔަ ކަމަށް ރާފިޤް ކިޔައިދިނެވެ. ނަމަވެސް އެފަދައިން އަމަލުނުކުރީ، އަމިއްލައަށް މަރުވެގެން އޭނާއަށް ނުވެގެން އުޅޭ ކަންތައް ވާނެ އިތުރުގޮތެއް ނޯންނާނެކަން ހިތަށް އެރުމުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، ދުނިޔޭގައި ލަހުން ދަސްވާ މީހުން އުޅޭ ކަމަށާއި އޭނާ އަކީ އެކަހަލަ މީހެއް ކަމަށެވެ. އެއް ސެމިސްޓާއިން ހައެއްކަ ފަހަރު ފެއިލްވާއިރުވެސް ދުވަހަކުވެސް 'ދެން ނުވާނެ' އޭ ބުނެފައި ހުއްޓައިލަން ނިންމާފައިނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެކުގައި ކިޔަވަން އުޅުނު އެކުވެރިން ގްރެޖުއޭޓް ވުމަށްފަހު ލޯޔަރުންގެ ގޮތުގައި ފެނުމުން ފުރަތަމަ ދެރަވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެންމެ ބޮޑު ހިތްވަރެއް ލިބުނީ ވެސް އެއެކުވެރިންގެ ކިބައިން ކަމަށް ރާފިޤް ބުންޏެވެ. އަދި އާއިލާގެ މީހުން އަބަދުމެ ކިޔަވައި ނިމޭނީ ކޮންއިރަކުންތޯ އަހާވަރުންވެސް އަވަހަށް ގްރެޖުއޭޓް ވުމަށް ހިތްވަރެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން ރާފިޤް ބުނީ، އެއް މާއްދާއިން ތަކުރާރުކޮށް ތިން ފަހަރު ފެއިލްވުމުން ޔުނިވަރސިޓީ އިން ކަނޑައިލަން ވެސް އުޅުނު ކަމަށާއި ނަމަވެސް ފަހުން އޭނާ އަށް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މިހާރު އެންމެ ބޭނުންވަނީ އަމިއްލާ ލޯ ފަރމްއެއް ހުޅުވަންކަމަށް ފާހަގަކޮށް ރާފިޤް ބުނީ، ފެއިލް ވުމަކީ އުޒުރެއް ނޫންކަމަށެވެ. އެއްފަހަރު ނުވުމުން ދެވަނަ ފަހަރު އަދި އެގޮތަށް ގޮސް ކާމިޔާބުވާންދެން އެކަމެއް ކުރުމަކީ ނަތީޖާ މާބޮޑަށްވެސް ރަގަޅުވާނެ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް