އެރެއަށްފަހު- ނަވާވީސްވަަނަ ބައި

އެނދުގައި ނޯވެވިގެން ޝައިލާ ދެކޮޅަށް ހިނގަން ފަށައިފިއެވެ. އަދިވެސް ހީވަނީ މުޅި ގައިގައި މީހަކު އަތް ހާކަމުންދާހެންނެވެ. ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. އަތް ނަގައި ބޮލުގައި ހިފަހައް...

12 Nov 2019 | 04:09

އެނދުގައި ނޯވެވިގެން ޝައިލާ ދެކޮޅަށް ހިނގަން ފަށައިފިއެވެ. އަދިވެސް ހީވަނީ މުޅި ގައިގައި މީހަކު އަތް ހާކަމުންދާހެންނެވެ. ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. އަތް ނަގައި ބޮލުގައި ހިފަހައްޓާލަންވާއިރަށް މުށިތަކު މައްޗަށް ވެއްޓިއްޖެ އެވެ.

***

އެސްފިޔަތައް ތެޅިލުމަށްފަހު މަޑުމަޑުން މަންޒަރު ސާފުވަމުން ދިޔައެވެ. ރަގަޅަށް މަންޒަރު ފެންނަން ފެށުމުން ޝައިލާ ދެފަރާތަށް މޫނު އަނބުރައިލިއެވެ. އަތައް އައިވީއެއް ގުޅާފައިހުރިއިރު ބޮލަށް ބާރުކުރަމުން ދިޔައެވެ. އެއްއަތުން ބޮލުގައި އަތްލިއިރު ބޮލުގައި ވަނީ ބެންޑޭޖެއް އޮޅާފައެވެ.

ޝައިލާ ލޯހުޅުވިކަން އެނގުމުން އާއިލާ އެންމެން އައިސް އޭނާ ވަށައިލިއެވެ. އެންމެ ކައިރީގައި ހުރީ ސަމާހު އެވެ. ދެން ހުރީ ސުމާ އަދި ޝާއިރާ އެވެ. އެނދު ވަށައިގެން އެންމެން ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

ޑޮކްޓަރު އައުމުން ސަމާހު އަދި ސުމާ ފިޔަވައި އެންމެން ޝައިލާ އޮތް އެނދު ކައިރިން ދުރަށް ޖެހެލިއެވެ. މިވަމުންދާ އެއްވެސް ކަމެއް ޝައިލާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އައިވީ ފުޅި ތެރެއަށް އިންޖެކްޝަނެއް ޖެހުމަށްފަހު ޑޮކްޓަރު ޝައިލާ އާއި އެތައް ސުވާލެއް ކުރިއެވެ. ޑޮކްޓަރު ބަލާފައި ދިއުމުން އަނެއްކާވެސް އެންމެން އައިސް ޝައިލާ އޮތް އެނދު ވަށައިލިއެވެ.

"ކިހިނެއްވީ؟" ޝައިލާ އެންމެ ފުރަތަމަ ވެސް އަހައިލީ އެހެންނެވެ.

"ޝައި ވެއްޓިފަ އޮއްވަ ފެނުނީ" ސަމާހު ބުނެލިއެވެ.

"މީ ކޮން ވަގުތެއް؟" ދެފަރާތް ބަލައިލަމުން ޝައިލާ އަހައިލިއެވެ.

"ފަތިސް ގަޑި" މިފަހަރު ޖަވާބު ދިނީ ޝާއިރާ އެވެ.

"އެއް ދުވަސް ތީތަ މިތާ އޮންނަތާ؟" ޝައިލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ބޮލުން ދިޔައީ ވިންދު ޖަހަމުންނެވެ. ޔަގީނުންވެސް ބޮޑު ބޭސްގަނޑެއް އަޅާފައި މިހުރީ ބޯ ފެޅުނީމައެވެ.

"ނޫނޭ މީ ހަމަ އެއް ރެއެއް... ސުމް ފޯނު ޗާޖަރ ބަލާ ވަތްއިރު ޝައި އޮތީ ވެއްޓިފަ... ނަސީބެއް ސުމް ދިޔަކަން އެހެން ނޫންނަމަ އިރުއަރާ ފަހުން ފެންނާނީ" ޝާއިރާ ވީގޮތް ކިޔައިދިނެވެ.

ޝައިލާ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނާގެ ސަބަބުން ދޮންބެގެ ކައިވެނީގެ ފުރަތަމަ ރޭވެސް ޚަރާބުވީއެވެ. ފުރަތަމަ ޚަރާބުކޮށްލެވުނީ ކައިވެނި ޕާޓީ އެވެ. ޔަގީނުންވެސް ދޮންބެ ހުންނާނީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފަ އެވެ. އޭނާގެ ސަބަބުން އެންމެންނަށް ވެސް މިވަނީ ކިހާ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ހެއްޔެވެ؟ ކުއްލިއަކަށް ޝައިލާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

"ޝައި ރޮނީތަ؟ ބޮލަށް ތަދުވަނީތަ؟ މާބޮޑަކަށް ނުފެޅެއޭ... ޖެހުނުލެއް ބާރުކަމުން ވަރަށް ކުޑަކޮށް ފެޅުނީ އެކަމަކު އެސަރަހައްދު އޮތީ އެކަށް ދުޅަވެފަ... އެހެންވެ އެތަދުވަނީ..." ސަމާހު އައިސް ޝައިލާގެ ކަރުނަތައް ފުހެލައިދިނެވެ.

"އައިމް ސޮރީ ދޮންބެ... ޝައިއާ ހެދި ދޮންބެގެ ފަސްޓް ނައިޓް..." "ނޫން ޝައި..." ޝައިލާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނިސް ސަމާހު ހުއްޓުވިއެވެ.

"ޝައި އަރާމުކޮށްލާ... ނިދޭތޯ ބަލާ... އަވަހަށް ރަގަޅުވީމަ އަވަހަށް ގެއަށް ދެވޭނީ" އެންމެފަހުން ސުމާ ބުނެލިއެވެ. ސަމާހުގެ އެދުމުގެ މަތިން ސުމާ މަޑުކޮށްފަ އެންމެން ހެނދުނު އަންނަން ދިޔައީއެވެ. ސަމާހު މަޑުކޮށްގެން އިނީ ބޭރުގައެވެ. ޝައިލާ ކައިރީ އިނީ ސުމާ އެވެ.

އެންމެން ނިކުމެގެން ދިއުމުން ޝައިލާ ވެސް ބެލީ ނިދާލެވޭތޯ އެވެ. ނަމަވެސް ބޮލަށް ތަދުވާވަރުން ނިދޭގޮތެއް ނުވިއެވެ. އޭނާ ވިސްނަމުން ދިޔައީ ރޭ ވީ ކަންތަކެވެ. ނަޒާން މަތިން ޝައިލާ ހަނދާންވީ އެވަގުތު އެވެ. ބޭނުންވީ އެހިނދު ނަޒާނަށް ގުޅާށެވެ. ނަމަވެސް މިވަގުތު ގުޅައިފިނަމަ ނަޒާންގެ ނިދި ފިލައިފާނެ އެވެ. ނަޒާން ރޭ ނިދީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ނަޒާނަށް ގުޅާނީ އިރުއެރުމުންނެވެ.

***

ނަޒާނަށް ހޭލެވުނީ މޫނުމައްޗަށް އަވި އެޅުމުންނެވެ. ބަލައިލިއިރު މަންމަ ހުރީ ފަރުދާ ކަހައިލައިގެން ނަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ދަރިފުޅު ހޭލަބަލަ..." ނާޒިމާ ގޮވައިލިއެވެ. މޫނު މަތީ ބާލީސް އަޅައިލުމަށްފަހު ނަޒާން އަނެއް ފަރާތަށް އެނބުރުނެވެ.

"ޒާން އެންމެން މިއަދު ފުރަނީ އޭ ތުޅާދޫއަށް ދާން... ހޭލަބަލަ" މިފަހަރު ނާޒިމާ ގޮސް ނަޒާންގެ ކޮނޑުގައި ކޮށްޓައިލިއެވެ. ނަޒާން ލޯ ހުޅުވަންދެން ނާޒިމާ ގޮވިއެވެ.

"މަންމާ ކީއްކުރަންތަ ތުޅާދޫއަށް ދަނީ" ލޯ ހަނިކޮށްގެން މަންމަގެ މޫނަށް ބަލަން އޮވެ ނަޒާން އަހައިލިއެވެ.

"ރޭގަ މަންމަ ބުނީމެއްނު ޒާން އައިސް ވަނީމަ މިއަދު ފުރަނީއޭ... ނަޒާން ދާނަމޭ ކިޔާފަ ވަނީވެސް ކޮޓަރިއަށް" ނަޒާން ކައިރީ އެނދުމަތީ އިށީންނަމުން ނާޒިމާ ބުނެލިއެވެ. ނަމަވެސް މަންމަ އެބުނި ވާހަކަ ނަޒާން ހަނދާނެއް ނެތެވެ.

"ކީއްކުރަންހޭ އެންމެން އެރަށަށް ދަނީ؟" ނަޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ދަރިފުޅަކަށް ނޭންގޭތަ؟ ކުރީދުވަހު ނުހާ ރަން ކިޔައިފިއޭ... ކައިވެންޏަށޭ މިދަނީ" ނާޒިމާ ބުނެލިއެވެ. ނަޒާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޮލުގައި އަތް އަޅައިލިއެވެ. އެންމެފަހުން ނުހާގެ މޫނު ފެނުން ދުވަހެއްވެސް މިހާރު ހަނދާނެއް ނެތެވެ. ނުހާ މަތިން ހަނދާންވީވެސް މަންމަ އެވާހަކަ ބުނުމުންނެވެ.

"މަންމަމެން ދޭ... މަށެއް ނުދާނަން" އެނދުން ތެދުވަމުން ނަޒާން ބުނެލިއެވެ. ނާޒިމާ ވެސް އެނދުން ތެދުވިއެވެ.

"ކީއްވެ ނުދާނީ؟ މިގޭ އެންމެން ދާތަނަކަށް ނަޒާން ވެސް ޖެހޭނީ ދާން... އެހެންނޫނަސް މިދަނީ މަޖާ ކުރަން ސަކަރާތް ޖަހާކަށް ނޫން... މިދަނީ ނަޒާންގެ ދޮންބެ ކައިވެންޏަށް... ނަޒާން ހުންނަން ޖެހޭނެ ދޯ ނަޒާންގެ ދޮންބެ ކައިވެނި ކުރާ ތަނުގަ!" ނާޒިމާގެ އަޑުވެސް މިހާރު ވަނީ ކުރިއަށްވުރެ ބާރުވެފައެވެ.

"މަންމާ އަހަރެންނަށް ލިބުނު އުފަލެއްގަ އެއިން މީހަކު ދުވަހަކުވެސް ބައިވެރިވިތަ؟ އަހަރެންނަށް މިގެއިން އުފަލެއް ލިބޭތަ؟ އަހަރެން ބޭނުމެއް ނޫން ދާކަށް... އަޑުއިވިއްޖެ؟" ތުވާލި ނަގައި ކޮނޑުމައްޗަށް އެއްލުމަށްފަހު މަންމަގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ.

"ނަޒާން އަބަދު ތިހެން ކިޔައިގެން ނުދަމަބަލަ... މަންމަ ހާދަ މަސައްކަތެއް ކުރަމޭ ނަޒާން ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ... މަންމަ ބުނީމަ ހިނގާބަލަ" ނާޒިމާ ގޮސް ނަޒާންގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން ބުނެލިއެވެ.

"މަންމަ ކުރިކަމެއް ބުނެބަލަ... މަންމަ މަށަށް ކޮށްދިން ކަމެއް ބުނެބަލަ!!" ނަޒާންގެ ދެލޯ ފެނުމުން ނާޒިމާ ފަހަތަށް ޖެހެލިއެވެ. ހަގީގަތުގައި ދުނިޔެއަށް އުފަންކުރުން ފިޔަވައި އޭނާއަށް ކޮށްދެވުން އެއްވެސް ކަމެއް ނެތެވެ. ކިތަންމެ ދެރަވި ނަމަވެސް އަޑު އުފުލައި ދަރިފުޅުގެ ހައްގުގައި އެއްޗެއް ބުނެލާނެ ހިތްވަރެއްވެސް އޭނާގެ ނުހުރެއެވެ.

"ނަހުޒާން ނުހާއާ އިންނަން އުޅެނީ ނުހާގެ ނުގަބޫލުގަ... މީހަކު އެހިތަ ނުހާ ބޭނުންވަނީ ކޮންގޮތެއްހޭ؟ ނަހުޒާން ބޭނުންވެގެން އިންނަން އުޅެނީ... ނަހުޒާން ހީކުރީ އަހަރެން އުޅެނީ ނުހާއާ ހިތާވެގެންނޭ... އެހެންވެ އަވަހަށް ބައްޕަގެ ބޮލަށް އެރިގެން ކައިވެނިކުރަން އުޅެނީ... ނަހުޒާން ކައިރީ ބުނާތި ތީ ހެދޭ ވަރަށް ބޮޑު ގޮހެކޭ ނުހާ އޭނަދެކެ ލޯތްބެއް ނުވާނޭ!!" މަންމަގެ ލޮލަށް ބަލައިލުމަށްފަހު ނަޒާން ގޮސް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. ނަޒާން ދެއްކި ވާހަކަތަކުން ނާޒިމާގެ ބޮލަށް ހުރީ ބަރުވެފައެވެ. ހިންދިރުވައިލުމަށްފަހު އޭނާ އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.

"ކޮބާ 11 ޖަހާއިރު ލޯންޗު ނައްޓާލާނެ އެންމެން ތައްޔާރުތަ؟" ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން އައިސް ސަމީރު އަހައިލިއެވެ. ނާޒިމާ އިނީ ސޯފާގައެވެ. އޭނާގެ ނަޒަރު ވަނީ ކުރިމަތީ ހުރި ހުސް ފާރަށް ހުއްޓިފައެވެ. ނާޒިމާ ސިއްސައިގެން ދިޔައީ ސަމީރު އައިސް އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ.

"ކޮބާ މިއައީނު ނުހާ... ނަޒާން ކޮބާ؟" އެތަނަށް އައިސް މަޑުކޮށްލި ނުހާ ފެނުމުން ސަމީރު އަހައިލިއެވެ. ނަހުޒާން ވެސް ފުރަން ތައްޔާރުވެގެން އައިސް އެތާ މަޑުކޮށްލިއެވެ.

"އެބަ އަންނަން ގޮވާލާފަ" އަތުގައި އޮތް ދަބަސް ބެހެއްޓުމަށްފަހު ނުހާ ދިޔައީ ނަޒާން ކޮބައިތޯ ބަލައިލާށެވެ. ނަޒާން މިކައިވެންޏަށް ނުދާނެކަން ނުހާއަށް މާކުރިންވެސް އެނގެއެވެ. އޭނާ ބޭނުންވީ ފުރުމުގެ ކުރިން ފަހުފަހަރު ނަޒާން އާއި ބައްދަލުކޮށްލާށެވެ.

"ނަޒާން ނުދާނަމޯ" ނުހާ ދިއުމުން ނާޒިމާ ބުނެލިއެވެ.

"އެހެންތަ؟ އަހަންނަށް އެނގެޔޭ ނުދާނެކަން މާކުރިންވެސް" ހަމަޖެހޭގޮތް ދައްކައިލަމުން ސަމީރު ބުނެލިއެވެ. އޭގެ ފަހުން އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ.

ނުހާ ގޮސް ކޮޓަރިއަށް ވަތްއިރު ނަޒާން އުޅުނީ ޓީޝާޓު ލާށެވެ. ނުހާ ފެނުމުން ޓީޝާޓު ރަގަޅުކޮށްލުމަށްފަހު އޭނާ ގޮސް ނުހާގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

"ނަޒާން ނުދަންދޯ؟" އިސްޖަހައިލަމުން ނުހާ އަހައިލިއެވެ.

"އައިމް ސޮރީ ނުހާ... ޒާންއަށް އެނގޭ ނުހާ ވަރަށް ޒާން ބޭނުންވާނެކަން... ނުހާ އެދުނު ކަންތައްވެސް ޒާންއަށް ނުކޮށްދެވުނު... އައިމް ސޯ ސޮރީ... ޒާން ވެސް ވަރަށް ސްޓްރެސްގަ މިއުޅެނީ... ޒާން ވެސް ބައިވަރު ކަންތަކާ ކުރިމަތިލަމުން މިދަނީ އެހެންވެ... އައިމް ސޮރީ" ނުހާގެ އަތުގައި ހިފައިލަމުން ނަޒާން ބުނެލިއެވެ.

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ދެމީހުންގެ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. އެދެމީހުންނަކީ ކުރީގައި އެހާ ގާތް އަދި އެހާ މަޖާކޮށް އުޅުނު ދެމީހުންނެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެ އެކަކު އަނެކަކާ ހަތަރުކަޅި ހަމަކޮށްލަންވެސް މިއަދު އެތިބީ ނުކެރިފައެވެ.

"އިޓްސް އޯކޭ... އިނގޭ އެކަން... ޒާންގެ ޑްރޯވިންގސް ފެނޭ އަހަންނަށް" ނުހާ ބުނެލި ޖުމްލައިން ނަޒާންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ދެން އޯކޭއޭ މާ އިމޯޝަނަލް ވާނެކަމެއް ނެތް... އޯލް ދި ބެސްޓް" ނުހާގެ އަތައް ފިތައިލަމުން ނަޒާން ބުނެލިއެވެ.

"ދިއުމުގެ ކުރިން ވާހަކައެއް ބުނަން ބޭނުން... މިފަހަރު ގޮއްސަ އައިސް މިވާހަކަ ނުބުނެވިދާނެ... އޭރަށް ހުންނާނީ މީހެއްގެ އަންބަކަށް ވެފަ..." ނަޒާންގެ މޫނަށް ބަލައިލަމުން ނުހާ ބުނެލިއެވެ.

ނަޒާންގެ ފޯނު ތިންވަނަ ފަހަރަށް އޭރު ވައިބްރޭޓް ވަމުން ދިޔައެވެ. ސައިލެންޓަށް ލައިފައި އޮތް ނަމަވެސް ވައިބްރޭޓްވާ އަޑު ނަޒާނަށް ދިޔައީ އިވެމުންނެވެ. ނަމަވެސް ނުހާ އެތާ ހުރުމުން ނަޒާން ފޯނުގައި އަތްލަން ބޭނުން ނުވީއެވެ.

"ބުނެބަލަ" ހިނިތުންވެލަމުން ނަޒާން ބުނެލިއެވެ.

"ޒާން ރުޅި ނާންނައްޗޭ... މިވާހަކަ ބުނަން ވަރަށް ގިނަ ދުވަހު އުޅުނިން އެކަމަކު ބުނާނެ ޗާންސެއް ނުލިބުނީ... އައިމް ސޯ ސޮރީ ޒާން... އައި ރިއަލީ ލަވް ޔޫ!!" ނުހާ ބުނި ވާހަކައިން ނަޒާނަށް އޭނާގެ އަތުން ދޫކޮށްލެވުނެވެ. ނުހާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ނަޒާންގެ އެއަމަލުން ނުހާގެ ދެލޯ މަރައިލެވުނެވެ. އެއާއި އެކީ ލޮލަށް ޖަމާވެފައި ހުރި ހުރިހާ ކަރުނައެއް އެއްރޮނގަކަށް ފައިބަން ފަށައިފިއެވެ.

އަނެއްކާވެސް ނަޒާންގެ ފޯނު ވައިބްރޭޓްވާން ފެށުމުން ނުހާ އަނެއް ފަރާތަށް ހަށިގަނޑު އަނބުރައިލިއެވެ. ނުހާއަށް ބަލައިލުމަށްފަހު ނަޒާން ގޮސް ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ޝައިލާ އެވެ. ފޯނު ނަގައި ކަންފަތުގައި ޖެހުމަށްފަހު އަނެއްކާވެސް ނަޒާން ބަލައިލީ ފުރަގަހަށް އެނބުރިގެން ހުރި ނުހާ އަށެވެ.

"ޔޫ އޯކޭ؟" ޝައިލާ ބުނި ވާހަކައިން ނަޒާންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭނާގެ ފަޔަށް ހީވި ހިނި އެރިހެންނެވެ. މިއަންނަނީ އޭ ބުނެ އަވަހަށް ދާން ދުއްވައިގަތެވެ. ނަމަވެސް ކަމެއް ހަނދާންވެގެން އައިސް ނުހާގެ ކުރިމަތީގައި އަނެއްކާވެސް މަޑުކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް