ހިނައިގަންނައިރު ކުރާ ވުޟޫއިން ނަމާދު ކުރެވޭނެތޯ އޮޅުންފިލުވުމަށްޓަކައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: ހިނައިގަތުމުގައި އެންމެ ފުރިހަމަ ވެގެންވާ ހިނައިގަތުމަކީ އަންނަނިވި ސިފައިގައި ހިނައިގަތުމެވެ. މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ޘާބިތުވެގެންވާ ސިފައިގައި އެ ތަފްސީލުގެ މައްޗަށް ހިނައިގަތުމެވެ.
އޭގެ ސިފަތައް ތިރީގައި ބަޔާން ކުރަމެވެ.
1. ނިޔަތް ގަތުން (ބޮޑު ޙަދަޘަވެރިކަމުން) ޠާހިރުވުމުގެ ނިޔަތް އޮތުމެވެ.
2. ނަޖިސް ނުކުންނަ ދެ ދޮރު ދޮވެ ސާފު ކުރުމެވެ.
3. ނަމާދަށް ވުޟޫ ކުރާ ފަދައިން ފުރިހަމަ ވުޟޫއެއް ކުރުމެވެ.
4. ބޮލަށްވާ ގޮތަށް ތިން ފަހަރަށް ފެން އޮއްސާލުމެވެ.
5. ހަށިގަނޑުގެ ކަނައަތްފަރާތަށް 3 ފަހަރަށް ފެން އޮއްސާލުމެވެ.
6. ހަށިގަނޑުގެ ވައަތްފަރާތަށް ފެން އޮއްސާލުމެވެ. ބަޔާންކޮށްފައިވާ ސިފަތައް الامام مسلم ޞަޙީޙުގައި 1190 ގައި ބަޔާންކޮށްފައިވެއެވެ.
(ހަށިގަނަޑަށް ފެން އޮއްސާ ލުމުގައި ކަނައަތްފަރާތް އިސްކޮށްފައިވަނީ ސަބަބަކީ ނަބިއްޔާ ﷺ ގެ ޢާންމުކޮށް ޠަހާރަތުގައި ކަނައަތްފަރާތް އިސްކުރައްވާތީއެވެ.)
ބަޔާންވެގެންދަނީ، މި ފުރުހަމަ ސިފައަށް ހިނައިގަންނަ މީހާ ހިނައިގަތުމުގެ ތެރޭގައި ފުރިހަމަ ވުޟޫއެއް ކުރާކަމެވެ.
ދެވަނައީ: ހިނައިގަތުމުގައި ކުރާ ވުޟޫ ނުވަތަ އެހެން ޢަމަލަކަށް ކުރާ ވުޟޫއެއް ކަމުގައިވީނަމަވެސް، އެ ވުޟޫ ގެއްލޭފަދަ ޙާލަތެއް މެދުވެރި ނުވާނަމަ، އެ ވުޟޫއިން އެހެނިހެން ޢަމަލުތައް ކުރުން ހުއްދަވެގެންވެއެވެ. އެއްވެސް މަނާކަމެއް ނެތެވެ. މިތަނުގައި ސަޢުދީ ޢަރަބިއްޔާ ގެ ފަތުވާ ކޮމެޓީން، އިމާމް ابن باز -رحمه الله- ގެ ރިޔާސަތުގައި ނެރެފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ސުވާލު: ސުންނަތް ވެގެންވާ ޢަމަލެއް ކުރުމަށް ކުރާ ވުޟޫއިން ފަރުޟު އަޅުކަން ކުރުމުގައި ވިދާޅުވާ ބަސްފުޅަކީ ކޮބައިތޯއެވެ؟
ޖަވާބު: “ސުންނަތް ނަމާދެއް ކުރުމުގެ ނިޔަތުގައި ޙަދަޘައިން ޠާހިރުވުމަށް ވުޟޫކޮށްފިހިނދު، އެ ވުޟޫއިން ސުންނަތް އަދި ފަރުޟު އަޅުކަންތައް ކުރެވޭނެއެވެ. އަދި އެ ވުޟޫއަކީ، ވުޟޫކުރުން (ކުޑަ ޙަދަޘައިން ޠާޙިރުވުން) ޝަރުތު ކުރެވިފައިވާ އެންމެހައި އަޅުކަންތަކެއް ކުރެވޭނެ ވުޟޫއެއްގެ ގޮތުގައިވެ އެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم” (فتاوى اللجنة الدائمة : 3615 ).
ވީމާ، ހިނައިގަންނައިރު ކުރާ ވުޟޫއިން ނަމާދު ކުރެވޭނެތޯ އޮޅުންފިލުވުމަށްޓަކައި ކޮށްފައިވާ ސުވާލުގެ ޖަވާބު ސާފުވެ ބަޔާންވެއްޖެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް