ޔޫއެފާއިން އެ ޖަމިއްޔާގެ މެމްބަރު 55 ގައުމުގެ މެދުގައި ކުރިއަށް ގެންދާ ޔޫއެފާ ނޭޝަންސް ލީގުގައި މިހާރު ކުޅެމުންގެންދަނީ އެ ލީގުގެ ދެ ވަނަ ސީޒަނެވެ. މިފަހަރުގެ ނޭޝަނަސްލީގު ކޮރޯނާވައިރަހުގެ ސަބަބުން އަލުން ޝެޑިއުލްކުރެވިގެން ކުރިޔައް ދާއިރު، މިމުބާރާތް ކުރިއަށްދަނީ މެމްބަރު 55 ގައުމު ހަތަރު ލީގަކަށް ބަހާލައިގެންނެވެ. އެންމެ ވަރުގަދަ ގައުމުތައް ލީގު އޭގައި ކުޅޭއިރު އެންމެ ބަލިކަށިގައުމުތައް ކުޅޭނީ ލީގު ޑީގަ އެވެ. ލީގު އޭ، ބީ އަދި ސީގައި ހަތަރު ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. ލީގު ޑީ ގައި ހިމެނެނީ ދެ ގުރޫޕެވެ. އެއީ ހަތަރު ޓީމުގެ ގްރޫޕަކާއި ތިން ޓީމުގެ ގްރޫޕެކެވެ.
ކޮންމެ ޓީމެއްވެސް ގްރޫޕުގެ އެހެން ޓީމުތަކާއި ހޯމް އެންޑް އަވޭ އުސޫލުން ދެ ފަހަރު ވާދަކުރާނެ އެވެ. މި މުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅިގެންދާނީ ލީގު އޭ އިންނެވެ. ލީގު އޭގެ ހަތަރު ގްރޫޕުގެ އެއް ވަނަ ޓީމުތައް ސެމީ ފައިނަލްގައި ވާދަކުރުމަށް ފަހު ފައިނަލް އާއި ތިން ވަނަ ހޮވާމެޗް ކުޅެވޭނެ އެވެ. ނޮކްއައުޓް މެޗުތައް ކުރިއަށްދާނީ ސެމީ ފައިނަލުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ކަނޑައެޅޭ ގައުމެއްގަ އެވެ.
ލީގު މެޗްތަކަށް ފަހު ގްރޫޕު އޭ، ބީ އަދި ސީ ގައި ހިމެނޭ ހުރިހާ ގުރޫޕަކުން ވެސް އެންމެ ފުލަށްދާ ޓީމުތައް ދެން އަންނަ މުބާރާތަކަށް ޖެހިގެން ދަށުގައި އޮތް ލީގަށް ރެލިގޭޓް ވާނެ އެވެ. އަދި ހަމަ އެއާއެކު ގުރޫޕް ބީ، ސީ އަދި ޑީ ގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމު ޖެހިގެން މަތީގައި އޮންނަ ލީގަށް ޕްރޮމޯޓްވާނެ އެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ އަދަދާއި ގޯލުތަކުގެ ތަފްޞީލް
ޔޫއެފާ ނޭޝަނަސް ލީގުގެ މިފަހަރުގެ ސީޒަނުގައި މިހާތަނަށް 81 މެޗު ވަނީ ކުޅެވިފައެވެ. އެގޮތުން މި ކުޅެވުނު 81 މެޗުގައި 174 ގޯލު ޖަހާފައިވެއެވެ. 81 މެޗުގައި 174 ގޯލު ޖަހާފައިވާއިރު، އެންމެ ގިނަ ގޯލުޖައިގެން މިވަގުތު ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ވިލާތުގެ ލީޑްސްއަށް އުފަން ނޯވޭގެ ގައުމީޓީމަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ އާލިން ހާލަންޑްއެވެ.
ހާލަންޑް ވަނީ މިހާތަނަށް އޭނާ ކުޅުނު 3 މެޗުގައި 6 ގޯލު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރުމޭނިއާ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ. ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ މޮންޓެނިގްރޯގެ ފޯވާޑް ސްޓީވެން ޖޮވެޓިޗްއެވެ. އޭނާ ވަނީ 3 ގޯލު ކާމިޔާބު ކޮށްފައެވެ.
ލަނޑު ލިސްޓުގެ ދެވަނައިގައި ދެ ގޯލު ޖަހައިގެން 17 ކުޅުންތެރިއަކު އޮތް އިރު އޭގެތެރޭގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެއެވެ. ރޮނާލްޑޯ އަކީ އެންމެ ފަހުން ބޭއްވުނު ޔޫއެފާ ނޭޝަނަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
މި މުބާރާތުގެ މެޗުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ގްރޫޕްގެ އެންމެ ފަހު މެޗްތައް ކުޅޭނީ އަންނަ ނޮވެމްބަރު މަހު 17 އަދި 18 ގައެވެ. މި މުބާރާތުގެ ނޮކްއައުޓް މެޗުތައް ކުޅެން ކުރިން ރޭވިފައިއޮތީ އަންނަ އަހަރުގެ ޖޫންގަ އެވެ. ނަމަވެސް ޔޫރޯ 2020 އަންނަ އަހަރަށް ފަސްކުރުމާއެކު ނޭޝަންސް ލީގުގެ ނޮކްއައުޓް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗު އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 އަދި 7 ގައި ކުޅެން ނިންމާފައިވާއިރު، މުބާރާތުގެ ފައިނަލް މެޗުގެ އިތުރުން ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް