160 މީހުން ސޮއިކޮށް މޮޅަދޫ ކައުންސިލުގެ ނައިބު ރައީސް ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

160 މީހުން ސޮއިކޮށް ހއ. މޮޅަދޫ ކައުންސިލުގެ ނައިބު ރައީސް އަހްމަދު އާދަމް ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި އެވެ. އޭނާ އާމެދު ބޮޑެތި ތުހުމަތުތަކެއްކޮށް، އެރަށު ރައްޔިތުން ވަނީ އ...

12 Oct 2020 | 06:49

160 މީހުން ސޮއިކޮށް ހއ. މޮޅަދޫ ކައުންސިލުގެ ނައިބު ރައީސް އަހްމަދު އާދަމް ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އޭނާ އާމެދު ބޮޑެތި ތުހުމަތުތަކެއްކޮށް، އެރަށު ރައްޔިތުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު އާދަމް މަގާމުން ވަކި ކުރުމަށް މިއަދު ހެނދުނު ހުށަހެޅި ޕެޓީޝަނުގައި ކައުންސިލްގެ ރައީސް އާއެކު ހޯރަފުއްޓަށް ކުރި ރަސްމީ ދަތުރެއްގައި، ދަތުރުކުރި ޑިންގީގައި ރަށަށް މަސްތުވާތަކެތި ގެނައި ކަމާއި ރައްޔިތުންގެ އާންމު ބައްދަލުވުމެއްގައި އެކަމަށް ނައިބު ރައީސް އިއުތިރާފު ވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ރަށުގެ އެކި ރައްޔިތުންގެ އަތުން މަކަރާއި ހީލަތުން، އަނބުރާ ދައްކާ ގޮތަށް ފައިސާ ނެގުމާއި ރަށުގެ ފިހާރަތަކުން ލޭންދޭނަށް އެއްޗެހި ނެގުމަށްފަހު ތަކުރާރުކޮށް އެދުމުން ވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ވެސް އެ ޕެޓިޝަނުގައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މީގެ އިތުރުން ރަށުގައި ކުރާ ވައްކަންތަކާ ނައިބު ރައީސްއާ ސީދާ ގޮތުން ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި މަގާމުގައި ހުރެ ތަފާތު އެކި ފަހަރު މަތިން ވަކިވަކި ފަރުދުންނާއި އާންމު ތަންތަނުގައި ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައިވާ ކަމަށް ވެސް އެ ޕެޓިޝަނުގައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ނައިބު ރައީސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ތަފާތު އެކި ހާލަތްތަކުގައި ތަފާތު އެކި ގޮތްގޮތުން ޒުވާނުންގެ ފަރާތުން އޭނާއާ ވާހަކަދައްކައި ނަސޭހަތްދީފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް